ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްހަ ކަމާ މެދު ސުވާލު އުފެދިފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި ޝެޑިއުލް ކޮށްފި އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ޝެޑިއުލްކޮށްފައި ވަނީ އާދީއްތަ ދުވަހުގެ 2:00 އަށެވެ. ސުޕްރީމް ކޯޓުގެ ވެބްސައިޓްގައިވާގޮތުން އެ މައްސަލައިގައި ދައުވާ ކުރާ ފަރާތަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެވެ. އަދި ދައުވާ ލިބޭ ފަރާތަކީ ގާނޫނީ ވަކީލު މ. ހަނީޑިއު އިސްމާއިލް ވިޝާމެވެ.

އެ މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ކަމަށްވާ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިނާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އަހުމަދު މުއުތަސިމް އަދުނާނާއި އަލީ ހަމީދު މުހައްމަދާއި އަބްދުﷲ ސައީދާއި އަބްދުﷲ އަރީފް ގެ އިތުރުން އާދަމް މުހައްމަދު އަބްދުﷲ އެވެ.

އާދަމް މުހައްމަދަކީ ސުޕްރީމް ކޯޓުގެ ފަރާތުން ޖޭއެސްސީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ފަނޑިޔާރެވެ. އަދި އޭނާ އަކީ ޖޭއެސްސީގެ މިހާރުގެ ރައީސެވެ.

ގާނޫނީ ވަކީލު ވިޝާމް މިއަދު ވިދާޅުވީ އާދީއްތަ ދުވަހުގެ 2:00 އަށް ކޯޓަށް ހާޒިރުވުމަށް ސުޕްރީމް ކޯޓުން އޭނާއަށް ޗިޓް ފޮނުވާފައިވާ ކަމަށެވެ.

ދައުވާ ލިބޭ ފަރާތްކަމުގައި ވިޝާމް ކަނޑައަޅާފައިވާއިރު ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްހަ ކަމާ މެދު ސުވާލު އުފައްދައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ވިޝާމެވެ. އަދި ސިވިލް ކޯޓަށް އެ މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅައި އެ ކޯޓުގައި ހުރި އެ މައްސަލައިގެ ހުރިހާ ލިޔެކިޔުންތައް ސުޕްރީމް ކޯޓުން ނަގާފައި ވަނީ ސިވިލް ކޯޓަށް އެ މައްސަލަ ބެލުމުގެ އިހުތިސޯސް ލިބިގެން ނުވާކަމަށް ބުނެ ޖޭއެސްސީން ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވުމުން ނެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވަނީ އެ މައްސަލަ މިއަދާއި ހަމަޔަށް ބެލިފައި ނުވަނީ ޖޭއެސްސީން އެ މައްސަލަ އެ ކޯޓަށް ހުށަނާޅައި އޮތުމުން ކަމަށެވެ.