19 Sep 2010, 08:23
ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ތިން ރަށެއްގެ މީހުން އެއަތޮޅު ނޮޅިވަރަންފަރަށް ބަދަލު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ހދ. ކުނބުރުދޫ އާއި މާވައިދު އާއި އަދި ފަރިދޫ ރައްޔިތުން، އެއަތޮޅު ނޮޅިވަރަންފަރަށް ބަދަލުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ހަލުވިކަމާ އެކު ހިނގަމުންދާ ކަމަށާއި އެ މަސައްކަތްތައް ވަރަށް އަވަހަށް ނިންމުމަމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
މި އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ނޮޅިވަރަންފަރަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކުނބުރުދު އާއި މާވައިދު އާއި ފެރިދޫ ރައްޔިތުންނަށް ބޭނުންވާ ވަރަށް ނޮޅިވަރަންފަރުގައި މިހާރު ގެތައް ޢިމާރާތް ކުރައްވާފައިވާ ކަމަށާއި، ޙައްލު ކުރަންޖެހޭ އެހެން ކަންތައްތައް ވެސް ޙައްލުކުރައްވައި އެ ތިން ރަށުގެ މީހުންނަށް ނޮޅިވަރަންފަރުގައި އަވަހަށް ދިރިއުޅެން ފެށޭނެ ގޮތެއް ހޯއްދެވުމަށް ސަރުކާރުން ބޭނުންފުޅުވާ ކަމުގައި ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ތިން ރަށުގެ މީހުން ބަދަލުކުރުމަށް ނޮޅިވަރަންފަރުގައި މިހާރު 134ގެ ވަނީ ޢިމާރާތް ކޮށްފަ އެވެ. އަދި ޗައިނާ ސަރުކާރުގެ އެހީގައި ހިންގާ 47 ގެ ޢިމާރާތް ކުރުމުގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހު ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ. ހަމައެއާ އެކު، އެސަރަހައްދުގެ ޔުޓިލިޓީ ކުންފުނިން އިލެކްޓްރިސިޓީ އާއި ނަރުދަމާގެ ޚިދްމަތް ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް ދަނީ ހިނގަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސް އޮފީހުން ބުނީ އެކަމަށް 1.6 މިލިއަން ޑޮލަރު [20.5 މިލިއަން ރުފިޔާ] ޚަރަދުވާ ކަމަށެވެ. އަދި އެކަމާ ބެހޭ ދިރާސާތައް ވެސް މިހާރު ވަނީ ކޮށްފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް، ޔުޓިލިޓީ ކުންފުންޏާއި ފިނޭންސް މިނިސްޓްރީން މިހާރު ގެންދަނީ ކުރަމުން ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ނޮޅިވަރަންފަރު ސްކޫލަށް އިތުރު ހަ ކްލާސްރޫމާއި ލައިބްރަރީއެއް ޢިމާރާތް ކުރުމުގެ މަސައްކަތް ވެސް އެޑިޔުކޭޝަނުން ކުރަމުން އަންނަ ކަމަށެވެ. އަދި އެރަށުގެ ހެލްތް ޕޯސްޓް ބޮޑުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް، ހެލްތު މިނިސްޓްރީން ވަނީ ފަށާފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. ރައީސް އޮފީހުން ބުނީ އެކަމަށް 1.13 މިލިއަން ރުފިޔާ ޚަރަދުވާއިރު، އިތުރު ފަންޑް ހޯދުމަށް އެމިނިސްޓްރީން ގެންދަވަނީ މަސައްކަތް ކުރަމުން ކަމަށެވެ.