ދިވެހި ގައުމީ އެއާލައިން، މޯލްޑިވިއަންއިން އަލަށް ދަތުރުރަން ފަށާ، އިންޑިއާގެ، ޓްރެވިންޑްރަމް، މުމްބާއީ އަދި ޗެންނާއި އާއި ބަގްލަދޭސްގެ، ޑާކާއަށް އެ އެއާލައިންގެ ދަތުރުތައް މިއަދު ފަށައިފި އެވެ.

އެ ކުންފުނިން އަލަށް ގެނައި އޭ- 320 މަރުކާގެ ބޯޓުގެ ފުރަތަމަ މަންޒިލަކަށް ވީ ގިނަ ދިވެހިން ޒިޔާރަތްކުރާ އިންޑިއާގެ ޓްރެވިންޑްރަމް އެވެ. މާލޭ ގަނޑިން ހެނދުނު 8:00 ޖެހީއިރު އެ ފްލައިޓް ވަނީ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ން ފުރައިފަ އެވެ. އެ ބޯޓު މިއަދު އިންޑިއާގެ ޗެންނާއީ އާއި ބަގްލަދޭޝްގެ ޑާކާއަށް ދަތުރުތައް ކުރާނެ އެވެ.

މޯލްޑިވިއަން އޮޕަރޭޓް ކުރާ، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓާ އަބްދުލް ހާރިސް ސަން އޮންލައިންއަށް ވިދާޅުވީ އެ ދަރުތައް މިއަދު ފެށީއިރު އެ ފްލައިޓްތަކުގެ ޓިކެޓްތައް ވިކި ހުސްވެފައިވާ ކަމަށެވެ.

"ތަރުހީބު މިދަނީ ވަރަށް ރަނގަޅަށް. އަޅުގަނޑުމެންގެ ހުރިހާ މަންޒިލްތަކަކަށްވެސް ތަރުހީބު ވަރަށް ރަނގަޅު،" ހާރިސް ވިދާޅުވި އެވެ.

މިއަދު 8:00 ޖެހީއިރު 127 ޕެސެންޖަރުންނާ އެކު ފުރި ފްލައިޓަށް އައެންއައިއޭން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އެކަމަށްޓަކައި ފަތިހު އެއާޕޯޓްގައި ހާއްސަ ހަރަކާތްތަކެއްވެސް އޮތެވެ. އަދި އެ ބޯޓް އަންނަ ގަޑިއާ ދިމާކޮށް އެއާޕޯޓްގައި ކޭކުފެޅުމާއި ބޮޑުބެރުގެ ހަރަކާތްތައް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.

ހާރިސް ވިދާޅުވީ މޯލްޑިވިއަންއިން ދަތުރުތައް ކުރަން ނިންމާފައިވާ މަންޒިލްތައް ކަމަށްވާ ޗެންނާއީ އާއި މުމްބާއީ އަކީ ދިވެހި ވިޔަފާރި ވެރިން ޒިޔާރަތްކުރުމަށް ރަނގަޅު މަންޒިލެއް ކަމަށެވެ.