ދިވެހި ގައުމީ އެއާލައިން، މޯލްޑިވިއަންއިން އަލަށް ދަތުރުރަން ފަށާ، އިންޑިއާގެ، މުމްބާއީ އަދި ޗެންނާއި އާއި ބަގްލަދޭސްގެ، ޑާކާއަށް އެ އެއާލައިންގެ ދަތުރުތައް މިއަދު ފަށައިފި އެވެ.

އެ ކުންފުނިން އަލަށް ގެނައި އޭ- 320 މަރުކާގެ ބޯޓުގެ ފުރަތަމަ މަންޒިލަކަށް ވީ ގިނަ ދިވެހިން ޒިޔާރަތްކުރާ އިންޑިއާގެ ޗެންނާއީ އެވެ. މާލޭ ގަޑިން ހެނދުނު 8:00 ގައި އެ ފްލައިޓް ވަނީ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ން ފުރައިފަ އެވެ. އެ ބޯޓު މިއަދު އިންޑިއާގެ ޗެންނާއީ އާއި ބަގްލަދޭޝްގެ ޑާކާއަށް ދަތުރުތައް ކުރާނެ އެވެ.

މޯލްޑިވިއަން އޮޕަރޭޓް ކުރާ، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓާ އަބްދުލް ހާރިސް ސަން އޮންލައިންއަށް ވިދާޅުވީ އެ ދަރުތައް މިއަދު ފެށީއިރު އެ ފްލައިޓްތަކުގެ ޓިކެޓްތައް ވިކި ހުސްވެފައިވާ ކަމަށެވެ.

"ތަރުހީބު މިދަނީ ވަރަށް ރަނގަޅަށް. އަޅުގަނޑުމެންގެ ހުރިހާ މަންޒިލްތަކަކަށްވެސް ތަރުހީބު ވަރަށް ރަނގަޅު،" ހާރިސް ވިދާޅުވި އެވެ.

މިއަދު 7:20 އެހާކަންހާއިރު 127 ޕެސެންޖަރުންނާ އެކު ފުރި ފްލައިޓަށް އައެންއައިއޭން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އެގޮތުން އެ ފްލައިޓްގެ ދަތުރުތައް ފެށުމުގެ ރަސްމިއްޔާތު ސަރަފުވެރިކޮށްދެއްވީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިވާ އިންޑިއާ ހައިކޮމިޝަނާ ޑީއެމް މުލޭ އެވެ. އެކަމަށްޓަކައި ފަތިހު އެއާޕޯޓްގައި ހާއްސަ ހަރަކާތްތަކެއްވެސް އޮތެވެ. ފުރާ ގޭޓް ކައިރީގައި އޮތް ރަސްމިއްޔާތުގައި ކޭކުފަޅުއްވައި ދެއްވީ މުލޭ އާއި އައިލެންޑް އޭވިއޭޝަންގެ ޗެއާމަން ބަންދު އިބްރާހިމް ސަލީމެވެ. އަދި ފަސިންޖަރުންނަށް މަރުހަބާ ކިއުމުގައި އައިލެންޑް އޭވިއޭޝަންގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.

ހާރިސް ވިދާޅުވީ މޯލްޑިވިއަންއިން ދަތުރުތައް ކުރަން ނިންމާފައިވާ މަންޒިލްތައް ކަމަށްވާ ޗެންނާއީ އާއި މުމްބާއީ އަކީ ދިވެހި ވިޔަފާރި ވެރިން ޒިޔާރަތްކުރުމަށް ރަނގަޅު މަންޒިލެއް ކަމަށާއި އެތަންތަނުގައި ދިވެހި ވިޔަފާރިވެރިންނަށް ރަނގަޅު ފުރުސަތުތަކެއް ހުރި ކަމަށެވެ. އަދި ޗުއްޓީ ހޭދަކުރާ ފަރާތްތަކަށްވެސް ޗެންނާއީ އަދި މުމްބާއީއަކީ ވަރަށް ރަނގަޅު މަންޒިލެއްކަންވެސް ފާހަގަކުރެއްވި އެވެ.

ޑިމާންޑަށް ބަލައި ކުރިއަށް އޮތްތަނުގައި އެ އެއާލައިންގެ ފްލީޓަށް އިތުރު ބޯޓުތައް އިތުރުކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.