15 Nov 2012, 10:16
ރާއްޖޭގައި ގޭންގު އުފެއްދުމާއި ގޭންގު ހަދައިގެން ކުރާ އެކިއެކި ކުށްތައް ހުއްޓުވުމުގެ މަގުސަދުގައި ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޯގަސްޓް 19، 2010 ގަ އެވެ. އަދި އެ ގާނޫނޫ ތަސްދީގު ކޮށް އަމަލު ކުރަން ފަށާފައި ވަނީ ސެޕްޓެމްބަރު 5، 2010 ގަ އެވެ. އެ ގާނޫނަށް އަމަލު ކުރަން ފެށިތާ ދެ އަހަރު ވެފައިވާ އެ ގާނޫނާއި ބެހޭ ގޮތުން އެކި ފަރާތްތަކުން ފާޅުކުރަނީ އެކި ހިޔާލެވެ.
އެއްބައެއްގެ ނަޒަރުގައި އެ ގާނޫނަނަކީ އެއްވެސް ބާރެއް ނެތް ގާނޫނެކެވެ. އެގާނޫނުގެ ދަށުން ގޭންގު ކުށްތައް ހުއްޓުވުމަށް ކުރެވޭނެ މާބޮޑު ކަމެއް ނޯވެ އެވެ. އަނެއްބަޔަކު ބުނަނީ ކަމާ ބެހޭ މުއައްސަސާތަކުން ބޮޑެތި ބުރަ މަސައްކަތްތަކެއްކޮށް އެ ގާނޫނުގައި ބުނާ ބައެއް ކުށްތަކަށް ތަހުގީގުކޮށް އަދަބުވެސް ކަނޑައެޅިދާނެ ކަމަށެވެ.
އެ ގާނޫނުގެ ދަށުން މިހާތަނަށް ކުރެވިފައި ވަނީ ޖުމްލަ ހަތަރު ދައުވާ އެވެ. އެ ގާނޫނުގެ ދަށުން މިހާތަނަށް ޝަރީއަތަށް ސާބިތުކުރެވިފައި އެންމެ މައްސަލައެކެވެ. އެއީ ހުޅުމާލޭ ފެރީޓާމިނަލް ސަރަހައްދުގައި ހިންގި ގްރޫޕް މާރާމާރީ އެއްގައި ތޫނުއެއްޗަކުން މީހަކަށް ހަމަލާދީ ހިންގި މާރާމާރީ އެކެވެ.
ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމުގެ ކުށް މި ގާނޫނުގެ ދަށުން ސާބިތުވެފައި ވީނަމަވެސް ގާނޫނުގެ އަސްލު މަގުސަދަކީ ގޭންގުތައް ހުއްޓުވުމާއި ގޭންގުތަކުން ކުރާ ކުށްތަކަށް އަދަބު ދިނުމެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވިގޮތުގައި ގޭންގުތަކަކީ ކޮބައިކަމާއި އެ ގޭންގުތަކުގައި އުޅޭ މީހުންނާއި އެމީހުން ކުރާ ކުށްތައް އާންމުކޮށް އެނގުނު ނަމަވެސް، އެމީހުންނަކީ ގޭންގަކަށް ނިސްބަތްވާ ބައެއް ކަމާއި ގޭންގުތަކުގައި އެމީހުން ހިންގާ ހަރަކާތްތަކަކަކީ ޖިނާއީ ކުށްކުރުންކަން ސާބިތުކޮށްދިނުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި ގޭންގު މީހެއްގެ މައްޗަށް އެ ގާނޫނުގެ ދަށުން ދައުވާ އެއް ކުރެވެނީ އެމީހަކު ނިސްބަތްވާ ޖަމާއަތަކީ ގޭންގެއްކަމަށް ސާބިތުކޮށްދެވިގެންނެވެ. އެހެން ކަމުން ގޭންގެއްގައި ހިމެނޭ ބަޔަކު ކުށެއް ކުރިއަސް އެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށުގެ ދައުވާއެއް މީހެއްގެ މައްޗަށް ސާބިތުކޮށެއް ނުދެވޭ ކަމަށް އޭނާ ވިދާޅުވެ އެވެ.
ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނުގެ އަށް ވަނަ މާއްދާގެ (ހ) ގައި ބުނަނީ ގޭންގެއްގެ ސަރަހައްދެއް ކަމުގައި ވަކި ސަރަހައްދެއް ގާއިމް ކުރުމުގެ ގޮތުން ވަކި ތަނަކަށް އެއްވެ ތިއްބާ އެތަނަކުން ދިޔުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތަކުން އަންގައިފި ނަމަ އެތަނަކުން އެބަޔަކު ނުގޮސްފި ނަމަ އެއީ ކުށެއް ކަމަށެވެ. އަދި އެކުށަށް އެ މާއްދާގެ (ށ) ގައި އަދަބުވެސް ކަނޑައަޅާފައި ވެއެވެ.
މާލެއާއި އަތޮޅުތަކުގެ ރަށްތަކުގެ އެކި ހިސާބުތަކަށް ގުރޫޕްހަދައިގެން އެއްވުމަކީ އާންމު ކަމެވެ. ނަމަވެސް އެ މީހުން އެތަނަށް އެއްވަނީ ގޭންގަކަށް ނިސްބަތް ވެގެން ތޯ ނުވަތަ ގޭންގެއްގެ ސަރަހައްދެއް ކަމުގައި ތޯ ބެލޭނެ ގޮތެއްނެތެވެ. މި ގާނޫނުގައި ބަޔާން ކުރެވިފައިވާ ގޮތުން މި ކުށްތައް ޝަރީއަތަށް ސާބިތު ކުރެވިދާނެ ހެއްޔެވެ؟ ނޫނީ ސާބިތު ނުކުރެވޭނެ ހެއްޔެވެ؟ މިއީ އުފެދޭ ސުވާލުތަކެކެވެ.
ޖިނާއީ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާ ގާނޫނީ ވަކީލު އަހުމަދު ޒަނީން އާދަމް ވިދާޅުވިގޮތުގައި ގޭންގު ހަދައިގެން ކުށްކުރަން އުޅޭ ބަޔަކު ނުވަތަ ކުށްކުރާ މީހުން ހޯދުމަށް އެ މާއްދާ އިން މަގުފަހިކޮށްދެ އެވެ. ނަމަވެސް އެފަދަ ބަޔަކު ހައްޔަރުކޮށް ތަހުގީގު ކުރެވޭ ތަނެއް ފެންނަމުން ނުދާކަމަށް އޭނާ ވިދާޅުވެ އެވެ.
" ގޭންގު ހަދައިގެން ކުށްކުރަން އުޅޭ ބަޔަކު ނުވަތަ ކުށްކުރާ މީހުން ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނުގެ އަށް ވަނަ މާއްދާގެ (ހ) ގެ ދަށުން ހޯދިދާނެ. އެ ގާނޫނުގައި އެހެން ބުނެފައި އޮތްނަމަވެސް އެފަދަ ބަޔަކު ހޯދައި ހައްޔަރުކޮށް ތަހުގީގު ކުރެވޭ ތަނެއް ފެނިގެން ނުދޭ،" އޭނާ ވިދާޅުވި އެވެ.
ޖިނާއީ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާ އެހެން ގާނޫނީ ވަކީލެއް ކަމަށްވާ ޝަހީމް އަހުމަދު ވެސް ވިދާޅުވިގޮތުގައި އެ މާއްދާގައި އެހެން ބުނެފައި އޮތްނަމަވެސް އެކި އެކި ތަންތަނަށް އެއްވެ އުޅޭ ގްރޫޕުތައް ހުއްޓުވުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މަސައްކަތްތަކުން މަސައްކަތެއް ނުކުރެވެ އެވެ. އަދި އެފަދަ މީހުން ހައްޔަރުކޮށް ތަހުގީގު ކުރުމަކީ ފަސޭހަ ކަމެއް ކަމަށްވެސް އޭނާ ވެސް ވިދާޅުވެ އެވެ.
މި ގާނޫނުގައި ކަނޑައަޅާފައިވާ ބޮޑެތި ކުށްތައް ޝަރީއަތަށް ސާބިތު ކުރުމަށް ފަސޭހަ ނުވިޔަސް އެފަދަ ކުށްތަކައް މަގުފަހި ވަނީ ގުރޫޕްހަދައިގެން ތަންތަނަށް އެއްވެ ކުރެވޭ މަޝްވަރާތަކުގެ ސަބަބުންނެވެ. އެހެންކަމުން މި ގާނޫނު ބައްޓަން ކުރެވިފައިވާ ގޮތުން ގޭންގުތަކުން ކުރާ ބޮޑެތި ކުށްތައް ތަހުގީގުކޮށް އެފަދަ ކުށް ކުރާ މީހުންނަށް ފިޔަވަޅު ނޭޅުނު ނަމަވެސް އެކި ސަރަހައްދު ތަކަށް އެކި އެކި ރޭ މަތިން ގްރޫޕްތަކުން ތަކުރާރުކޮށް އެއްވެ ތިބޭ ނަމަ އެކަން ހައްލު ކުރުމަށް މިހާރަށް ވުރެ ބޮޑަށް މަސައްކަތްތަކެއް ކުރަން ޖެހެ އެވެ.
އެ ގާނޫނަކީ ގޭންގު ކުށްތައް ހުއްޓުވުމަށް އެކަށޭނެ ގާނޫނަކަށް ނުވާތީ އެކަން ހައްލު ކުރުމަށް އެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހެ އެވެ. އެއީވެސް ކުރަން ޖެހޭ ކަމެކެވެ. އެކަމަށް އާ ގާނޫނެއް އުފެދި ނޫނީ މިހާރުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަންޖެހެ އެވެ.
މިކަމާ ބެހޭ ގޮތުން ޖިނާއީ މައްސަލަތަކުގައި ވަކާލާތު ކުރައްވާ ގިނަ ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ގާނޫނުލް އުގޫބާތު ފާސްވުމުން މިފަދަ ކަންތައް ހައްެލު ކުރުމަށް ހައްލުތަކެއް ލިބިގެން ދާނެވެ. އެހެންކަމުން ގާނޫނު ފާސް ކުރެވެންދެން ވެސް މި ގާނޫނުނުން ހައްލު ކުރެވެން ހުރި ކަންތައް ހައްލު ކުރަން މަސައްކަތްތަކެއް ކުރަންޖެހެ އެވެ. ދުވާލާއި ރޭގަނޑު ގްރޫޕް ހަދައިގެން ތަންތަނަށް އެއްވެފައި ތިބޭ ތިބުން ނިމުމަކަށް ގެންނަން މިހާރުގެ ގާނޫނުންވެސް މަސައްކަތް ކުރެވިދާނެ އެވެ.