ޣައްޒާ (ނޮވެމްބަރ 15): އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ޙަމަލާތަކުގައި ޙަމާސް ޖަމާއަތުގެ ޢަސްކަރީ ގޮފީގެ ކޮމާންޑަރަކު އަޙްމަދުލްޖަޢްބަރީ ޝަހީދުކޮށްލުމުން މިސްރުން އެކަން ކުށްވެރިކޮށް އިސްރާއީލުގައި ހުންނަވާ މިސްރުގެ ސަފީރު އަނބުރައި ޤައުމަށް ގެންގޮސްފި އެވެ.

މިއާއެކު ޤާހިރާގައި ހުންނަވާ އިސްރާއީލުގެ ސަފީރުވެސް މިސްރު ދޫކޮށް ރޭގެވަގުތެއްގައި އިސްރާއީލަށް އެނބުރި ގޮސްފައިވާ ކަމަށް ޚަބަރުލިބެ އެވެ. މިސްރުގެ ޚާރިޖިއްޔާ އިން ބުނީ އިސްރާއީލުގެ ޢުދުވާނީ ޙަމަލާތަކަކީ ބަލައިގަނެވޭނެ ޙަމަލާތަކެއް ނޫންކަމަށާއި މިޙަމަލާތައް މިހާރު މާމައްޗަށް ގޮސް ހަނގުރާމައަކަށް މަގުފަހިވަމުންދާ ކަމަށާ މިކަމުގެ ޒިންމާ އުފުލަންޖެހޭނީ އިސްރާއީލުން ކަމުގަ އެވެ. މިސްރުގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި އިސްރާއީލުގައި ހުންނަވާ މިސްރުގެ ސަފީރު އަނބުރައި މިސްރަށް ގެނައުމަށް ނިންމީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަރުކަށި ޢަމަލުތަކާއި ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން ކަމަށް ބުނެފައިވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން އިސްރާއީލުން ޣައްޒާއަށްދެމުންދާ ޙަަމަލާތަކުގެ ސަބަބުން މިސްރުގެ ރައްޔިތުންވަނީ ވަރަށް ރުޅިގަދަވެފަ އެވެ. އެހެންކަމުން މިސްރުގައި ހުންނެވުމަކީ ރައްކާތެރި ކަމެއްނޫންކަމަށް ބަލައި އިސްރާއީލުންވަނީ ޤާހިރާގައި ހުންނަވާ އިސްރާއީލުގެ ސަފީރާއި ބައެއް އިސްޑިޕްލޮމޭޓުން ކުއްލިގޮތަކަށް ރޭގެ ވަގުތެއްގައި އިސްރާއީލަށް ގެންގޮސްފައެވެ. ޣައްޒާއާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދާ ޢުދުވާން ހުއްޓުވައި ދިނުމަށްއެދި މިސްރުގެ ރައީސް މުޙައްމަދު މުރްސީވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާއާ ފޯނުންގުޅުއްވައި ވާހަކަ ދައްކަވާފައެވެ.
އަނެއްކޮޅުން އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ޢުދުވާނީ ޙަމަލާތައް ހުއްޓުވުމަށްޓަކައި އަދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް މިސްރުން ގޮވާލުމާއެކު ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިހާރު ކުރިޔަށްދާ ކަަމަށް ޚަބަރު ލިބެއެވެ. މި ބައްދަލުވުމުގައި އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ޢުދުވާނީ ޙަމަލާތައް ދިފާޢުކުރައްވައި އެމެރިކާގެ މަންދޫބާ ސޫޒާން ރައިސް ވާހަކަ ދައްކަވާފައިވާ ކަމަށް ޚަބަރު ލިބެއެވެ. (އަލްޖަޒީރާ)