15 Nov 2012, 09:51
ޣައްޒާ (ނޮވެމްބަރ 15): އިސްރާއީލުން ޣައްޒާ އަށް ދެމުންގެންދާ އުދުވާނީ ހަމަލަތަކުގައި ހަމާސް ޖަމާއަތުގެ ޢަސްކަރީ ކޮމާންޑަރެއް ކަމަށްވާ އަހްމަދުލްޖަޢްބަރީ ޝަހީދުކޮށްލުމުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން އިސްރާއީލުގެ ވެރިރަށް އިންޒާރު ދީ 100 އަށް ވުރެ ގިނަ ރޮކެޓުން އިސްރާއީލަށް ޙަމަލާ ދީފި އެވެ.
އަހްމަދުލްޖަޢްބަރީ ޝަހީދުކޮށްލުމާ ގުޅިގެން ނެރުނު ބަޔާންތަކުގައި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ އަލްއަޤްސާ ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތާއި ހަމާސްގެ ޢަސްކަރީ ގޮފީގެ އިތުރުން ފަލަސްތީނުގެ ހަތިޔާރުއެޅި އެހެން ބައެއް ޖަމާއަތްތައް ވެސް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްރާއީލުގެ މިޢަމަލަކީ ހަނގުރާމަ އިޢްލާންކުރުން ކަމުގަ އެވެ. އަދި އަހްމަދުލްޖަޢްބަރީ ޝަހީދުކޮށްލުމުން އިސްރާއީލާދެކޮޅަށް ފަލަސްތީނުން ކުރަމުންގެންދާ މިނިވަންކަމުުގެ ޖިހާދު ހުއްޓުވެނެކަމަށް އިސްރާއީލުގެ ހީކުރާނަމަ އެއީ ހުވަފެނެއް ކަމަށްވެސް ބުނެފައިވެ އެވެ.
މިބަޔާނަށް ފަހު ފަލަސްތީނުގެ ޖަމާއަތްތަކުންވަނީ އިސްރާއީލުގެ އެކި ސަރަޙައްދުތަކަށް ސަތޭކައަށްވުރެ ގިނަ ރޮކެޓް ޙަމަލާދީ އިސްރާއީލުގެ ޢާންމުންގެ މެދުގައި ބިރުވެރިކަން އުފައްދާފަ އެވެ. ފަލަސްތީނުގެ ފިދާއީންގެ ބައެއް ރޮކެޓް ޙަމަލާތައް އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް ވެސް އެރިކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. އަދި މި ޙަމަލާތަކާގުޅިގެން އިސްރާއީލުގެ އެތަށް ސަތޭކަ ބަޔަކު ރައްކާތެރި ތަންތަނަށާއި ބިންގަރާސްތަކަށް ވެދެ ޙިމާޔަތް ހޯދަމުން ގެންދާކަމަށްވެސް ޚަބަރު ލިބެ އެވެ. އިސްރާއީލުން އަލްޖަޢްބަރީ ޝަހީދުކޮށްލާފައި ވަނީ މީގެ ދެހަފްތާއެއްހާ ދުވަސްކުރިން ޣައްޒާއަށް ދެމުންގެންދާ ސިލްސިލާ ޙަމަލާތަކުގެ ތެރެއިން އިއްޔެ ހަވީރު ދިން ވައިގެ ޙަމަލާއެއްގަ އެވެ. މިޙަމަލާ ދީފައި ވަނީ އަލްޖަޢްބަރީ ދަތުރުކުރައްވަމުން ގެންދެވި ކާރަށެވެ.
އުމުރުން 52 އަހަރުގެ އަލްޖަޢްބަރީއަކީ ތަޖްރިބކާރު އިންޖިނޭރެކެވެ. ހަމާސް އިން އުފައްދާ ރޮކެޓް ފަދަ ހަތިޔާރުތައް ފަރުމާކުރުމާއި ތަރައްޤީ ކުރުމުގައި އޭނާގެ ބައިވެރިވުން ވަރަށް ބޮޑެވެ. އިސްރާއީލުން ޣައްޒާ އަށް ދެމުން ގެންދާ ޙަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ އަަށް މީހަކު ޝަހީދުވެ 35 މީހަކު ޒަޚަމްވެފައިވެ އެވެ. އިސްރާއީލުން ޣައްޒާއަށް ޙަމަލާ ދެމުންގެންދަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތައް ބަލިކަށި ކުރުމުގެ ބޭނުމުގައި ކަމަށް އިސްރާއީލުގެ ސިފައިން ނެރުނު ބަޔާނެއް ބުނެ އެވެ. އަދި އަލްޖަޢްބަރީ ޝަހީދުކޮށްލީ ފަލަސްތީނުގެ ޖަމާއަތްތަކުން އިސްރާއީލަށް ދެމުންގެންދާ ރޮކެޓް ޙަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ކަމަށް ވެސް އިސްރާއީލުން ބުނެ އެވެ.
ފަލަސްތީނުގެ ޖަމާއަތްތަކުން ބުނަނީ ފަލަސްތީނުގެ ހިފާފައިވާ ބިންތައް އިސްތިއްމާރުކޮށް ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށްގެން އިސްރާއީލު އުޅެންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ނުފައިބާ ހިނދަކު އިސްރާއީލަށް ހަމަލާ ދިނުމުގެ ޙައްޤު ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ކަމުގައެވެ. (އަލްޖަޒީރާ)