ޓްރާންސްޕޯޓް މިނިސްޓަރު ކަމަށް ޑރ. އަހުމަދު ޝަމްހީދު އަލުން އައްޔަންކޮށް ދެއްވުމަށް އޭނާ ނިސްބަތްވާ ޖުމްހޫރީ ޕާޓީން ރައީސްއަށް ދެންނެވި ނަމަވެސް އެކަން ގަބޫލުނުކުރައްވާ އެހެން ބޭފުޅެއްގެ ނަންފުޅު ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު އެ ޕާޓީއަށް މިއަދު އަންގަވައިފި އެވެ.

ސަރުކާރުގެ އިސްއޮފިޝަލަކު މިރޭ ސަން އޮންލައިންއަށް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓަރަކަށް އައްޔަން ކުރެއްވުމަށް ޝަމްހީދުގެ ބަދަލުގައި އެހެން ބޭފުޅެއްގެ ނަންފުޅު ފޮނުއްވުމަށް އެދި ރައީސް މިއަދު ޖުމްހޫރީ ޕާޓީއަށް ސިޓީއަކުން ދަންނަވާފައިވާ ކަމަށެވެ.

ޝަމްހީދު މިދިޔަ ހަފްތާތެރޭ މަގާމުން ވަކިކުރެއްވުމާ އެކު ރައީސް އޮފީހުން ބުނެފައިވަނީ ކެބިނެޓްގެ އެ ސްލޮޓް ޖުމްހޫރީ ޕާޓީއަށް ރައީސް ހާއްސަ ކުރައްވާފައިވާ ކަމަށެވެ. އެއާ އެކު ޖުމްހޫރީ ޕާޓީން ރައީސްއަށް ދަންނަވާފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ ކުރިން ޝަމްހީދު ހުންނެވި މަގާމަށް އަލުން ހަމަޖައްސައިދިނުމަށެވެ.

އެ ޕާޓީން ބުނެފައިވަނީ ޝަމްހީދު މަގާމުން ވަކިކުރެއްވީ އޭނާ ނިސްބަތްވާ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ، މާމިގިލީ އެއާޕޯޓްގެ ލީސް ޕީރިއަޑް 99 އަހަރަށް އިތުރުކޮށްދިން މައްސަލައިގައި ކަމަށެވެ. އަދި ޝަމްހީދު އަލުން އެ މަގާމަށް އައްޔަން ނުކޮށްފިނަމަ ސަރުކާރަށް އެއްބާރުލުން ދޭން ދަތިވާނެ ކަމަށްވެސް އެ ޕާޓީން ވަނީ މީގެ ކުރިންބުނެފަ އެވެ.