14 Nov 2012, 23:20
ދީނީ އިލްމުވެރިޔާ އަދި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ނައިބު ރައީސް ޝެއިޚް އަހުމަދު ފާރޫގު މުހައްމަދު ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައިވާ ފިގުހުއްސުއްނާގެ ފުރަތަ ބައި މިއަދު ނެރެފި އެވެ.
މިސްރުގެ އަޒްހަރު ޔުނިވަސިޓީގައި މަސައްކަތްކުރައްވާ މަޝްހޫރު ދީނީ ޝައިހު، އައްސައްޔިދު ސާބިގްގެ "ފިގްހުއްސުންނާ"ގެ ދިވެހި ތަރުޖަމާ އިސްލާމީ މަރުކަޒުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ނެރެދެއްވީ ޑރ. އިބްްރާހިމް ޒަކަރިއްޔާ މޫސާ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ފޮތް ތަރުޖަމާ ކުރެއްވި އަހްމަދު ފާރޫގު މުހައްމަދު ވިދާޅުވީ އަރަބި ބަހުން ލިޔެފައިވާ އެފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ މަސައްކަތަކީ ބުރަ މަސައްކަތެއް ކަމަށާއި ނަމަވެސް "ފިގުހުއް ސުންނަ"ގެ ހުރިހާ ބައިތަކެއްގެ ދިވެހި ތަރުޖަމާ ވެސް ވުޖޫދަށް އުފަން ކުރުމުގެ މަސައްކަތް ހުއްޓަވާނުލައްވައި ކުރައްވާނެ ކަމަށެވެ. ފާރޫގު ވިދާޅުވީ ފިގުހީ އިލްމުގެ އަލީގައި ހަދަން ޖެހޭ ގާނޫނުތައް ހެދުމަށް ވެސް އެ ފޮތުގެ ބޭނުން ވަރަށް ބޮޑުވާނެ ކަމަށެވެ. ބަދަލު ވަމުން އަންނަ މި ދުނިޔޭގައި އިސްލާމީ ރިވެތި އުސޫލުތައް ދަރިންގެ ކިބައިގައި އަށަގެންނެވުމަށް ވެސް އެ ފޮތަކީ މުހިއްމު ފޮތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ފޮތް ތަރުޖަމާ ކުރުމަކީ ވަރަށް ބުރަ މަސައްކަތެއް. ނަމަވެސް އަޅުގަނޑު އެ މަސައްކަތް ކުރީ އެއްވެސް ފޫހި ކަމެއް ނެތި ހަމަ ކުރާ ހިތުން. ފިގުހުގެ އިލްމުގެ ތެރެއިން ދިރާސާ ކުރައްވާ ފަރާތްތަކަށް ވެސް މި ފޮތުގެ ބޭނުން ވަރަށް ބޮޑުވާނެ. އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑު މިފަދަ މަސައްކަތްތަކުގައި ދެމި ހުންނާނަން،" ފާރޫގު ވިދާޅުވި އެވެ.
ދެ ހާހަށް ވުރެ ގިނަ ސޮފްހާ ހިމެނޭ އެ ފޮތުން އެންމެ ފުރަތަ ތަރުޖަމާ ޚާއްސަ ކުރެއްވީ ސާފު ތާހިރުކަމުގެ މައްޗަށް ކަމަށް ވެސް ފާރޫގު ވިދާޅުވި އެވެ. ދެން އެންމެ އަވަހަށް ނެރެން ގަސްދު ކުރައްވަނީ އިބާދާތާއި ގާނޫނީ ކަންތައްތައް ހިމެނޭ ބައިތައް ކަމަށް ވެސް ފާރޫގު ވިދާޅުވި އެވެ.
ފޮތް ނެރުމާއެކު މާލޭގެ ގިނަ ބުކްޝޮޕްތަކުން މިއަދު ވަނީ އެ ފޮތް އާއްމުކޮށް ވިއްކަން ވެސް ފަށައިފަ އެވެ. ފޮތެއް ވިއްކާ އަގަކީ 100 ރުފިޔާ އަށެވެ. ފޮތް ވިއްކަން ފެށުމާ އެކު މިއަދު ވެސް ގިނަ ބަޔަކު ވަނީ އެ ފޮތް ގަނެފަ އެވެ.