ރައްޔިތުން މަޖިލީހަށްދޭ ބަޖެޓް މާ ބޮޑުވުމުން ދައުލަތުގެ މުހިންމު އެހެން ކަންކަމަށް ހަރަދުކުރަން ބޭނުންވާ ފައިސާ މަޖިލީހުގައި ބަންދުވެފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފި އެވެ.

އޮޑިޓަރު ޖެނެރަލް އެކުލަވާލެއްވި އެ ރިޕޯޓްގައި ހިމަނާފައިވާ ހިސާބުތަކުގައިވާ ގޮތުން 2010 ވަނަ އަހަރު މަޖިލީހަށް ކަނޑައެޅި ބަޖެޓުން 35.4 މިލިއަން ރުފިޔާ ބާކީ ވެފައިވާ އިރު 2009 ވަނަ އަހަރު މަޖިލީހަށް ދިން ބަޖެޓުން 20.7 މިލިއަން ރުފިޔާ ވަނީ ބާކީވެފަ އެވެ. އަދި އެގޮތަށް ދިމާވާ ޖެހެނީ ރަނގަޅު ދިރާސާއެއް ނެތި ބަލަންވާ ވަރަށް ނުބަލައި ބަޖެޓް އެކުލަވާލުމުން ކަމަށް ރިޕޯޓްގައިވެ އެވެ.

"އެކަށީގެންވާ ދިރާސާއެއް އެކަމުގައި ނުކުރެއްވުމުގެ ސަބަބުން ދައުލަތުގެ މުހިންމު އެހެން ކަންކަމަށް ހަރަދުކުރުމަށް ބޭނުންވާ ފައިސާ މި އިދާރާގައި [މަޖިލީހުގައި] ބަންދުވެފައިވެ އެވެ،" އޮޑިޓްގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހަށް 2010 ވަނަ އަހަރު ކަނޑައެޅި ޖުމްލަ ބަޖެޓަކީ 124.5 މިލިއަން ރުފިޔާ އެވެ. އެ ބަޖެޓުން ހަރަދުކުރީ 89.2 މިލިއަން ރުފިޔާ އެވެ. އަދި 2009 ވަނަ އަހަރު މަޖިލީހުގެ ބަޖެޓަކީ 241.6 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ހަރަދުކޮށްފައި ވަނީ 68.5 މިލިއަން ރުފިޔާ އެވެ.

އެގޮތުން 2010 ވަނަ އަހަރު މުވައްޒަފުންގެ މެންބަރުންގެ މުސާރަ އާއި އުޖޫރައިގެ ގޮތުގައި 70.10 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު 2009ގައި 54.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި މަޖިލީހުގެ ދަތުރުފަތުރުގެ ހަރަދަށް 3.3 މިލިއަން ރުފިޔާ 2010ގައި ހަރަދުކޮށްފައިވާ އިރު 2009ގައި 2.1 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި އޮފީސް ހިންގުމުގެ ހަރަދަށް 2010 ގައިވަނީ 8.6 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެގޮތުން ފޯނު ބިލްތަކަށް 302،169ރ. ވަނީ ހަރަދުކޮށްފަ އެވެ. އަދި ކަރަންޓް ބިލްތަކުގެ ހަރަދަށް 1.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި އިންޝުއަރެންސް ހިދުމަތަށް 3.8 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

އޮޑިޓް ރިޕޯޓްގައި ލަފާދީފައި ވަނީ ބަޖެޓް ތައްޔާރުކުރުމުގައި މަޖިލީހުން ކުރަން ޖެހޭ ކަންތައްތައް އެކަށައަޅާ ރަނގަޅު ދިރާސާއެއް ކޮށްގެން ބަޖެޓް އެކުލަވާލެއްވުމަށެވެ.