ފަސް ޖުޑީޝަލް ދާއިރާއެއްގެ އިސް މެޖިސްޓްރޭޓް ކަމަށް ހަމަޖެއްސެވި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އަރުވައިފި އެވެ.

ދާއިރާ އިސް މެޖިސްޓްރޭޓުންގެ ގޮތުގައި ހަމަޖެއްސެވި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އެރުވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮމިޝަންގެ ނާއިބް ރައީސް އަބްދުﷲ ދީދީ އެވެ.

އެގޮތުން މިއަދު ފަތްކޮޅު ދެއްވާފައިވާ ބޭފުޅުންނަކީ ވ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް ހަމަޖައްސާފައިވާ އެ އަތޮޅު ފެލިދޫ ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު މޫސާ މަނިކާއި ދ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް ހަމަޖައްސާފައިވާ އެ އަތޮޅު ކުޑަހުވަދޫ ކޯޓުގެ މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދާއި ތ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް ހަމަޖައްސާފައިވާ އެ އަތޮޅު ތިމަރަފުށީ ކޯޓުގެ މެޖިސްޓްރޭޓް ހަސަން ޒަހީނާއި ލ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް ހަމަޖައްސާފައިވާ އެ އަތޮޅު އިސްދޫ ކޯޓުގެ މެޖިސްޓްރޭޓް އަލީ ޝަރީފުގެ އިތުރުން ގދ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް ހަމަޖައްސާފައިވާ އެ އަތޮޅު ގައްދޫ ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު ރާޣިބް އަހުމަދަށެވެ.

އެ ފަސް މެޖިސްޓްރޭޓުންނަށް މަގާމުގެ ފަތްކޮޅު ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖޭއެސްސީގެ ނާއިބް ރައީސްގެ އިތުރުން ބައިވެރިވެވަޑައިގެންފައި ވަނީ އެ ކޮމިޝަންގެ މެންބަރު އަބްދުﷲ ހަމީދާއި ގާސިމް އިބްރާހިމެވެ.

އެ ފަސް ބޭފުޅުން ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް ހަމަޖައްސާފައި ވަނީ އެކަމަށް އެދި ކުރިމަތިލުމަށް ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވުމުން، ކުރައިޓީރިއާގައިވާ ގޮތުގެމަތިން އިންޓަވިއުކުރުމަށް ފަހު، ކޮމިޝަންގައި ނެގި ސިއްރުވޯޓަކުން ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު ކޮންމެ މަހަކު 27،950ރ. ލިބެ އެވެ. އަދި ކޯޓެއްގެ އިސް މެޖިސްޓްރޭޓަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު ކޮންމެ މަހަކު ލިބެނީ 25،600ރ. އެވެ.