14 Nov 2012, 18:44
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އާއިލާ އަށް އިންޝުއަރެންސް ދިނުމަށް ކަނޑައަޅާފައިވާ މިންގަނޑުން ބޭރުން ހަތަރު ބޭފުޅަކަށް 50،000ރ. އިންޝުއަރެންސް ޕްރިމިއަމްގެ ގޮތުގައި މަޖިލީހުގެ ބަޖެޓުން ހޭދަކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް 2011 ވަނަ އަހަރަށް އޮޑިޓް ކުރެއްވުމަށް ފަހު މިއަދު ހާމަކުރެއްވި ރިޕޯޓްގައި އޮޑިޓާ ޖެނެރަލް ހިމެނުއްވާފައިވާ ހިސާބުތަކުގައިވާ ގޮތުން މަޖިލީހުގެ މެންބަރުންގެ އަނބިން ނޫނީ ފިރިން އަދި 18 އަހަރު ނުވާ ދަރިންނަށްދޭ އިންޝުއަރެންސްގެ ލިސްޓްގައި 181 ފަރާތެއް ހިމަނާފައިވެ އެވެ. އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވަނީ އޭގެ ތެރެއިން 19 ފަރާތެއްގެ އުފަން ތާރީހު އެ ލިސްޓްގައި ފެންނަން ނެތް ކަމަށާއި ލިސްޓް ބެލި ބެލުމުން މެންބަރުންގެ ދަރިންގެ ތެރޭގައި 18 އަހަރު ފުރިފައިވާ ހަތަރު މީހަކު ހިމަނާފައިވާ ކަމަށެވެ.
"މި ހަތަރު ޑިޕެންޑެންޑެންޓުންނަށް ހެލްތު އިންޝުއަރެންސްގައި ބައިވެރިކުރުމަށް 50،000ރ. ހަރަދުކޮށްފައިވާކަން ފާހަގަކުރެވުނެވެ،" އޮޑިޓްގައިވެ އެވެ.
އެ މައްސަލައިގައި އަމަލުކުރެއްވުމަށް އޮޑިޓާ ޖެނެރަލް ލަފާ އަރުއްވާފައި ވަނީ 18 އަހަރުވެފައިވާ ޑިޕެންޑެންޓުންނަށް ދިން ފައިސާ އެ ފަރާތްތަކުގެ އަތުން އަނބުރާ ހޯއްދުމަށެވެ. އަދި ޑިޕެންޑެންޓުން އިންޝުއާ ކުރެއްވުމުގައި އައިޑީ ކާޑްތައް ހޯދައި ރަނގަޅަށް ޗެކްކޮށް އެކަމަށް ކަނޑައަޅާފައިވާ ގަވައިދު ހަރުދަނާ ކުރުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާދެއްވައިފަ އެވެ.
އަދި ފޯނު ބިލް ދެއްކުމުގެ ހުއްދަ ނެތް މަޖިލީހުގެ މުވައްޒަފެއްގެ ފޯނު ބިލަށް މަޖިލީހުގެ ބެޖަޓުން 43،356ރ. ހަރަދުކޮށްފައިވާ ކަމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ. އަދި އެ މުވައްޒަފަށް ފޯނު ބިލްދައްކައި ދިނީ އެ މުވައްޒަފަކީ އާންމުކޮށް އޮފީހަށް ނުކުމެ ވަޑައިގެން މަސައްކަތް ކުރަން ޖެހޭ މުވައްޒިފަކަށް ވާތީ ކަމަށް މަޖިލީހުގެ އިދާރާ އިން މައުލޫމާތު ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ. އެކަމުގައި އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވަނީ މަޖިލިޙުގެ މެންބަރުންނަށް އިނާޔަތް ދިނުމުގައި ހަރުދަނާ އުސޫލެއް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.
އޮޑިޓް ރިޕޯޓްގައި މަޖިލީހުން މާލިއްޔަތު ގަވާއިދާ ހިލާފަށް ކޮށްފައިވާ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން މަޖިލީހުގެ ހިސާބުތައް ރަނގަޅަށް ތައްޔާރު ނުކުރުމާއި މާލިއްޔަތު ގާނޫނާ ހިލާފަށް ހަރުމުދާ ބެލެހެއްޓުމާއި އިއުލާން ކުރުމެއް ނެތި ބައެއް މަސައްކަތްތައް މީހުންނާއި ހަވާލުކުރުން ފަދަ ކަންތައްތަ ހިމެނެ އެވެ.