14 Nov 2012, 18:32
ދ. ކުޑަހުވަދޫގައި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ވަރަށް އަނިޔާވެރިކޮށް އެ ރަށު ސަމަންދަރުގޭ އަލީ ހަސަން (އައްޔުބޭ) މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ ތިން ކުދިންގެ މައްޗަށް ހުކުމް އިއްވުން ފަސްކޮށްފި އެވެ.
އެ ތިން ކުދިންގެ މައްޗަށް ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން މިއަދު 1:00 އަށް ޝެޑިއުލްކޮށްފައި އޮތް ނަމަވެސް ޖުވެނައިލް ކޯޓުން މިއަދު ވަނީ އެ އަޑުއެހުން ކެންސަލްކޮށްފަ އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ތިން ކުދިންގެ މައްޗަށް ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ދެން އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.
އެ ތިން ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. އަނެއް ދެ ކުދިންގެ މައްޗަށް ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
ޖުވެނައިލް ކޯޓުން ބުނީ އެ ތިން ކުދިންގެ ތެރެއިން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ލިބޭ ކުއްޖާ ދައުވާ އަށް އިންކާރު ކުރި ނަމަވެސް މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ލިބޭ ދެ ކުދިން ވެސް ކުށަށް އިއުތިރާފްވެފައިވާ ކަމަށެެވެ.
ދައުވާ އަށް އިންކާރުކޮށްފައިވާ ކުއްޖާގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހަމައެކަނި ހުށަހަޅާފައި ވަނީ އެ ކުއްޖާގެ ޑީއެންއޭ ކަމަށާއި ނަމަވެސް ރާއްޖެ އިން ބޭރަށް ފޮނުވައިގެން ހެދި އެ ޑީއެންއޭ އައްޔުބޭގެ ޑީއެންއޭއާ ދިމާ ނުވާ ކަމަށް ވެސް ޖުވެނައިލް ކޯޓުން ބުންޏެވެ.
ދައުވާ ކުރި އިރު އެ ތިން ކުދިންނަށް 18 އަހަރު ފުރިފައިނުވި ނަމަވެސް ދެ ކުދިންނަށް މިހާރު ވަނީ 18 އަހަރު ފުރިފަ އެވެ.
އައްޔުބޭ މަރާލުމުގެ ތުހުމަތުގައި ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވެސް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. އެ ތިން މީހުންނަކީ އައްޔުބެ އަށް ދޮންކާފަ ކިޔާ އެ ރަށު މާވެލި އިބްރާހިމް ވަސީމާއި އެ ރަށު ރަނަކުރި އިބްރާހިމް މާޖިދާއި ފަނަސް ފައުޒާން މުހައްމަދެވެ.
ވަސީމްގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފައިވާ އިރު ފައުޒާނާއި މާޖިދުގެ މައްޗަށް ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.
ފައުޒާނާއި މާޖިދު ދައުވާ އަށް އިންކާރު ކުރި ނަމަވެސް އެ ދެ މީހުންނާ އެކު އައްޔުބެ މަރާލުމުގައި ބައިވެރިވިކަމަށް ވަސީމް ވަނީ އެއްބަސްވެފަ އެވެ.