ދިއްފުށީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ ވޯޓުގެ ވަގުތީ ނަތީޖާ އާއި ދާއިމީ ނަތީޖާ ތަފާތުވެފައި ވަނިކޮށް ކެންޑިޑޭޓުނަށް ނޭނގި ނަތީޖާ އިއުލާން ކުރުމުން އަންހެނުން ނުކުމެ އެ ރަށު ކައުންސިލް އިދާރާ ކުރިމަތީ މުޒާހަރާކޮށްފި އެވެ.

ދިއްފުށިން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ބުނީ މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ ނަތީޖާއާ ދޭތެރޭ ހިތްހަމަނުޖެހިގެން ބަޔަކު ޝަކުވާކޮށްފައިވާ ކަމަށާއި ބަޔަކު ރަށު ކައުންސިލް ކުރިމައްޗަށް ނުކުމެ މުޒާހަރާ ކުރީ ތިން ކެންޑިޑޭޓެއްގެ ވޯޓް އެއްވަރުވުމުން، ފަހުން އެ ކެންޑިޑޭޓުންނަށް ނޭނގި، އޭގެ ތެރެއިން ދެ މީހަކު އިންތިހާބު ކާމިޔާބު ކުރިކަމަށް އިއުލާން ކުރުމުން ކަމަށެވެ.

ދިއްފުށީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީ އަށް އިންތިހާބު ކުރަން ޖެހެނީ ފަސް މީހުންނެވެ.

ސޯޅަ އަންހެނުން ވާދަ ކުރި އިންތިހާބުގައި އެއްވެސް ޝައްކެއް ނެތް މިންވަރަށް ދެ މީހަކަށް ވޯޓުލިބުނު ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. ނަމަވެސް ތިން މީހެއްގެ ވޯޓްވީ އެއްވަރު ކަމަށް އޭނާ ބުންޏެވެ.


އޭނާ ބުނީ ތިން ކެންޑިޑޭޓެއްގެ ވޯޓު އެއްވަރުވުމުން، ރަށު ކައުންސިލުން ކަނޑައަޅާފައިވާ، އިލެކްޝަންސް ކޮމެޓީން ނިންމީ ވޯޓު އެއްވަރުވި ތިން މީހުންގެ މެދުގައި އަލުން ވޯޓްލުމަށް ކަމަށެވެ. ނަމަވެސް އޭނާ ބުނީ އެ ކެންޑިޑޭޓުންނަށް އެނގުމަކާ ނުލައި އިލެކްޝަންސް ކޮމެޓީ އިން އަލުން ވޯޓު ގުނައި އޭގެ ތެރެއިން ދެ މީހަކު އިންތިހާބު ކާމިޔާބު ކުރި ކަމަށް ރޭ ކޮމެޓީން ނިންމީ ކަމަށެވެ. އަދި މައްސަލަ ޖެހުނީ އެހާ ހިސާބުން ކަމަށް އޭނާ ބުންޏެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އާދަމް ޝަރީފު މިއަދު ވިދާޅުވީ އެ އިންތިހާބުގެ ކަންކަން ބެލެހެއްޓީ ރަށު ކައުންސިލުން ނެގި ކޮމެޓީ އަކުން ކަމަށާއި އެ ރަށު ވޯޓުގައި މައްސަލަތަކެއް އުޅޭކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެ މައްސަލަ އެލްޖީއޭ އިން ބަލަމުން އަންނަ ކަމަށެވެ.

ދިއްފުށީ ކައުންސިލުން ވެސް ބުނީ ކެންޑިޑޭޓުންނަށް ނާންގައި ފަހުން ވޯޓު ގުނުމުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމަށެވެ.