14 Nov 2012, 17:28
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކަރުދާސް ބޭނުން ކުރާ ވަރު މަދުކުރަން 2010 ވަނަ އަހަރު ހިންގި 2.1 މިލިއަން ރުފިޔާގެ "ޗެމްބާ އޮޓޮމޭޝަން" ޕްރޮޖެކްޓްގައި ނުހަމަ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެ ޕްރޮޖެކްޓްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވުމަށް އޮޑިޓާ ޖެނެރަލް އަންގަވައިފި އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ސޮއިކުރައްވައި މިއަދު އާންމު ކުރެއްވި "ރައްޔިތުން މަޖިލީހުގެ 2011" ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އެ މަޝްރޫއާ ގުޅޭ ގޮތުން ގިނަ ކަންތައްތަކެއް ވަނީ ފެންމަތިކުރައްވައިފަ އެވެ. އެ ޕްރޮޖެކްޓްގެ ދަށުން މަޖިލީހުގެ ތަޅުމުގައި ހުންނަ ކޮންމެ މެންބަރެއްގެ މޭޒުކޮޅުގައި ޓަޗް ސްކްރީން ހަރުކޮށް އޭގެން ޑޮކިއުމަންޓްތައް ބެލޭ ޑީޖިޓަލް ސިސްޓަމެއް ވަނީ ބަހައްޓައިފަ އެވެ.
"ޕޭޕާ ލެސް އެންވާރު މަންޓް"ގެ ނަމުގައި ހިންގި އެ ޕްރޮޖެކްޓް ދިވެހި ކުންފުންޏަކާ 25 މާޗް 2010ގައި ހަވާލުކުރީ 1.3 މިލިއަން ރުފިޔާ އަށް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެ މަސައްކަތް ނިންމުމަށް އެ ކުންފުންޏާ ކޮންޓްރެކްޓްކުރީ 37 ދުވަހަށް ކަމަށްވީ ނަމަވެސް އެ ކުންފުނިން މަސައްކަތް ނިންމީ 81 ދުވަހުގެ ތެރޭގައި ކަމަށާއި އޭރު އިތުރަށް 720،425ރ. ޕްރޮޖެކްޓަށް ހަރަދުވެފައިވާ ކަމަށް އޮޑިޓްގައިވެ އެވެ. ނަމަވެސް އެ ކުންފުނީގެ ނަމެއް އޮޑިޓްގައި ނެތެވެ.
ނަމަވެސް މީގެ ކުރިން މަޖިލީހުން ހާމަކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން އެ މަސައްކަތް ހަވާލުކުރީ، "ރޯސްވެއާ" ކިޔާ ކުންފުންޏަކާ އެވެ.
އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވަނީ ޕްރޮޖެކްޓްގެ އަގުމައްޗަށް ދިޔައީ އެ ޕްރޮޖެކްޓްގައި "ތިންކްލައިންޓް" ކިޔާ ސޮފްޓްވެއާއެއް ހިމެނުމަށް ސީދާ މަޖިލީހުގެ އިދާރާ އިން އެ މަސައްކަތުގެ ކޮންސެލްޓެންޓަށް އެންގުމުން ކަމަށާއި ނަމަވެސް ފަހުން ބެލި އިރު އެ ސޮފްޓްވެއާ އަކީ މަޖިލީހުގައި ބޭނުން ކުރަމުން ދިޔަ ހާޑްވެއާއާ އަދި ޕްރޮޖެކްޓަށް ހޯދާ ޓަޗް ސްކްރީންތަކާއި ޓަޗް ކީބޯޑްތަކާ ދިމާނުވާ ސޮފްޓްވެއާއެއް ކަމަށެވެ. އަދި އެކަމަށް އިތުރު ފައިސާ ހަރަދުކުރަން ޖެހުނު ނަމަވެސް އެކަމުގައި ކޮންސަލްޓެންޓް ޒިންމާކުރުވާފައި ނުވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެ ޕްރޮޖެކްޓަށް ފަންނީ ލަފާ ހޯދުމަށް ވެސް 24،000ރ. ހަރަދުކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަ ކުރައްވައިފަ އެވެ.
އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެ ޕްރޮޖެކްޓް ނިމެން އުޅެނިކޮށް އެކަން ފާހަގަ ކުރެވުމުން ކޮންޓްރެކްޓްގައިވާ 100 ތިކްލައިންޓް އާއި ޓަޗްޕެޑް އުނިކުރި ކަމަށާއި އޭގެ ބަދަލުގައި ނެޓް ޓޮޕްސް ހޯދުމަށް އަލުން އިއުލާން ކުރި ކަމަށެވެ. ނަމަވެސް އެކަމަށް ކުރިމަތިލި ފަރާތްތަކުގެ ބިޑްތައް އިވެލުއޭޓްކޮށްފައި ވަނީ ކުރައިޓީރިއާއާ ހިލާފަށް ކަމަށާއި އަދި ބިޑް ކާމިޔާބު ކުރި ކުންފުނި ކަމަށް ބުނެ އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް މަސައްކަތް ހަވާލުކުރީ 830،000ރ. އަށް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.
ފަހުން ކޮންޓްރެކްޓުން އުނިކުރުމަށް ފަހު އެ މަސައްކަތް ކުރި ކުންފުނިން ހޯދާފައި ވަނީ ހަ ސާވާ އާއި އަށް ސާވާ ސްވިޗާއި 100 ޓަޗް ސްކްރީނެވެ. ދެން އެ ކުންފުނިން ކުރީ އެތަކެތި އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. މަސައްކަތަށާއި ހޯދުނުތަކެއްޗަށް އެ ކުންފުންޏަށް ޖުމްލަ 1.2 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.
"މަސައްކަތް ހިންގާފައިވާ ގޮތުން ކޮންޓްރެކްޓަރަށް ފައިދާވާ ގޮތަށް އިދާރާ އިން ބައެއް ކަންކަން ކުރައްވާފައިވާކަން ފާހަގަކުރެވެ އެވެ. އެގޮތުން އެއްބަސްވުމުގައި ކަނޑައަޅާފައިވާ ތާރީހުތަކަށް މަސައްކަތް ނިންމާނުލެވުމުގެ ސަބަބުން ކަނޑަންޖެހޭ ލިކުއިޑޭޓަޑް ޑެމޭޖަސް ދައުލަތުގެ މާއްލިއްޔަތު ގަވާއިދުގެ 8.29 ގައިވާ ގޮތުގެ މަތިން ކަނޑާފައި ނުވާކަން ފާހަގަކުރެވޭކަމާއި ލިކުއިޑޭޓަޑް ޑެމޭޖަސް ކެނޑުމަކީ އިދާރާ އަށް ލިބިފައިވާ އިހްތިޔާރެއްގެ ގޮތުގައި އެއްބަސްވުމުގައި ލިއުއްވާފައިވެ އެވެ." އޮޑިޓްގައިވެ އެވެ.
އަގު ބޮޑު އެ ޕްރޮޖެކްޓް ހިންގާފައި ވަނީ އެކަށީގެންވާ ދިރާސާއެއް ކުރުމެއްނެތި ކޮންމެހެން މަޖިލީހަށް ފައިދާވާ ގޮތައް ނޫން ކަމަށް ދޭހަވާ އޮޕީނިއަންތައް އޮޑިޓާ ޖަނަރަލް ވަނީ ރިޕޯޓްގައި ހިމަނުއްވައިފަ އެވެ. އަދި އެ މަސައްކަތުގެ އަގު ދެ މިލިއަނަށް ވުރެ ވެސް ބޮޑުވާ އިރު އެ މަސައްކަތަކީ މާލިއްޔަތު ގަވާއިދުގެ 8.24 ވަނަ މާއްދާގެ ދަށުން ޑެންޓާ އިވެލުއޭޝަން ބޯޑަށް ހުށަހަޅައިގެން ހިންގަން ޖެހޭ ޕްރޮޖެކްޓެއް ކަމަށް އޮޑިޓްގައި ވަނީ ފާހަގަކޮށްފަ އެވެ.
އަދި އެ ޕްރޮކެޖްޓަށް ހޯދުނު މޮނީޓަރާއި ކީބޯޑު، ނެޓްޓޮޕްސް އާއި މައިކްރޯސޮފްޓް ވިންޑޯޒް ސެވަން ހޯދާފައި ވަނީ 77 މެންބަރުންނާއި މަޖިލީހުގެ ރައީސް އަދި އަމީން އާންމުގެ ބޭނުމަށް ކަމުގައިވީ ނަމަވެސް އެތަކެތި ހޯދުމުގައި ކޮންމެ ވައްތަރަކުން 100 އެތި ހޯދާފައިވާ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އަދި ބާކީ ހުރި ތަކެއްޗަކީ ސްޕެއާ ތަކެތި ކަމަށް އިދާރާ އިން ބުނެފައިވީ ނަމަވެސް އެތަކެތި ބަލަހައްޓާފައިނުވާކަމަށް ވެސް ރިޕޯޓްގައިވެ އެވެ.
"މި ސިސްޓަމްތަކަށް އަހުލުވެރިވެފައި ވަނީ ވަރަށް މަދު މެންބަރުކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ވިދާޅުވެފަ އެވެ. އަދި މި ޕްރޮޖެކްޓްގެ މަގުސަދު އެންމެ ފުރިހަމަ ގޮތުގައި ހާސިލްވެފައެއްނުވެ އެވެ،" އޮޑިޓްގައިވެ އެވެ.
އެ ޕްރޮޖެކްޓް ނިންމާ ބޭނުންކުރަން ފެށި ނަމަވެސް ފޮޓޯ ކޮޕީނެގުމާއި ޓޯނަރާއި ކާޓްރިޗް ފަދަ އެ ބާވަތުގެ ތަކެއްޗަށް ހިނގާފައިވާ ހަރަދު ކުޑަވެފައި ނުވާކަން އޮޑިޓުން ވަނީ ހާމަކޮށްފަ އެވެ. އެހެންކަމުން އެ ޕްރޮޖެކްޓްގެ ކަންކަމުގައި އަމަލުކުރުމަށް އޮޑިޓާ ޖެނެރަލް ވަނީ އަންނަނިވި ގޮތައް ލަފާދެއްވައިފަ އެވެ.
"މި ޕްރޮޖެކްޓްގެ އެކި މަރުހަލާގައި ކަންހިނގާފައިވާ ގޮތް އިތުރަށް ބެއްލެވުމަށް މި ރިޕޯޓްގައި މި މައްސަލައާ ގުޅޭ ގޮތުން ފާހަގަކޮށްފައިވާ ކަންތައްތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ،" ރިޕޯޓްގައިވެ އެވެ.
އަދި އެ ޕްރޮޖެކްޓްގެ މަސައްކަތް ލަސްވަމުން ދިޔައިރު ވެސް އެކަމުގައި ފިޔަވަޅު އަޅާފައި ނުވާތީ އެ ކަމުގައި އިހުމާލުވެފައިވާ މުވައްޒިފެއްވާ ނަމަ އެމީހަކާއި ނޫނީ އެބަޔަކާ މެދު ފިޔަވަޅުއެޅުމަށް އަންގައިވައިފަ އެވެ. އަދި އެފަދަ ޕްރޮޖެކްޓްތައް ހިންގުމުގެ ކުރިން "ރިކުއާމަންޓް އެނަލިސިސް" ހެދުމަށް ވަނީ ލަފާއަރުއްވައިފަ އެވެ. އަދި މާގިނަ ތަކެތި ސްޓޮކްނުކުރުމަށާއި މަދު އަދަދުން ތަކެތި ސްޓޮކްކުރުމަށް ވަނީ އަންގަވައިފަ އެވެ. އަދި ޕްރޮޖެކްޓެއްގެ އަގު 1.5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑުވާ ނަމަ އެކަން ޓެންޑާ އިވެލުއޭޝަން ބޯޑަށް ހުށަހަޅައިގެން ކުރުމަށް ވެސް ވަނީ ލަފާދެއްވައިފަ އެވެ.