ދިވެހި ގައުމީ ޔުނިވަސިޓީގައި އަންނަ އަހަރުން ފެށިގެން ޑޮކްޓާސް އޮފް ފިލޯސަފީ އަށް ކިޔަވައިދޭން ނިންމައި އިއުލާންކޮށްފި އެވެ.

ގައުމީ ޔުނިވަސިޓީ އިން ނިންމާފައި ވަނީ ފުރަތަމަ ޝަރީއާ އެންޑް ލޯ އާއި އެޑިއުކޭޝަންގެ ދާއިރާ އިން ޕީއެޗްޑީ އަށް ކިޔަވައި ދިނުމަށެވެ.

ޔުނިވަސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސެއިން ވިދާޅުވީ އަންނަ އަހަރަކީ ރާއްޖޭގެ ތައުލީމީ ތާރީހު އާ މަރުހަލާއަކަށް ވާސިލުވުމަށް ފައްޓާ އަހަރަކަށްވާނެ ކަމަށެވެ. އަދި ވިދާޅުވީ ޕީއެޗްޑީ އަށް ކިޔެވުމަށް މަދުވެގެން ތިން އަހަރު ނަގާނެ ކަމަށާއި އެ ޕްރޮގްރާމްގެ ނަތީޖާ ފެންނާނީ ތިން އަހަރު ފަހުން ކަމަށެވެ.

"އަޅުގަނޑުމެން ގަސްތެއްނުކުރަން އަވަސް އަރުވާލާފައި ޕީއެޗްޑީތަކެއް ދޭކަށެއް. އެއީއެއް ނޫން އަޅުގަނޑުމެންގެ މަގްސަދަކީ،" ޗާންސެލަރު ވިދާޅުވި އެވެ.

ޒާހިރު ވިދާޅުވީ ގައުމީ ޔުނިވަސިޓީ އުފެދުމުގައި ކޮލެޖް އޮފް ހަޔަ އެޑިއުކޭޝަނުން ކޮށްފައިވާ މަސައްކަތް ފާހަގަކުރައްވަން ޖެހޭ ކަމަށެވެ. އެގޮތުން އިދާރީ ގޮތުންނާއި ކިޔަވައިދިނުމުގެ ގޮތުން ވެސް އެތަނުގައި ބަޔަކު ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެކަމުގެ އަގު ވަޒަން ކުރައްވާ ކަމަށް ޒާހިރު ވިދާޅުވި އެވެ.

ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ. ހަސަން ހަމީދު ވިދާޅުވީ ޕީއެޗްޑީ އަށް ކިޔެވުމުގެ ފުރުސަތު ހުޅުވުމަކީ ޔުނިވަސިޓީގެ ކުރިއެރުމުގެ ސިލްސިލާ އަށް އިތުރުވި ބޮޅެއް ކަމަށެވެ. އަދި ވިދާޅުވީ ޕީއެޗުޑީ ހާސިލު ކުރުމަށް ދެ ގޮތެއް އޮންނަ ކަމަށެވެ. އެއް ގޮތަކީ މީހަކު ކޮށްފައިވާ އިލްމީ ތަހުގީގުތަކެއް މަޖައްލާއެއްގައި ޝާއިއުކުރުންމުން، ދިރާސާކުރުމެއް ނެތި ޕީއެޗްޑީ ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ. އަނެއް ގޮތަކީ ސުޕަވައިޒަރުންގެ އިރުޝާދުގެ ދަށުން ދަރިވަރަކު ކުރާ ދިރާސާ އަށް ބަލައި ފެންވަރު ހުރި ނަމަ ދޭ ޕީއެޗްޑީ ދިނުން ކަމަށެވެ.

ހަސަން ވިދާޅުވީ ޕީއެޗްޑީ ޕްރޮގްރާމްގައި އެއްވެސް މާއްދާއެއް ކިޔަވަން ނުޖެހޭނެ ކަމަށެވެ. ޑޮކްޓަރު އޮފް ފިލޯސަފީ ކޯހުގެ ފެންވަރު ބެލުމަށް ނިންމާފައި ވަނީ ޑިގްރީއާ ބެހޭ ކޮމެޓީއެކެވެ.