14 Nov 2012, 15:57
ގަޑިއެއްހާ އިރު މާލެ އަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.
މިއަދު މެންދުރު ވެހެން ފެށި ވާރޭގައި މާލޭގެ ބޮޑެތި މަގުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. ގާތްގަނޑަކަށް ގަޑިއެއްހާ އިރަށް ވެހުނު ވާރޭގައި މާލެ ވަނީ އެއްކޮށް ފެންބޮޑުވެފަ އެވެ.
މެޓް އޮފީހުން ބުނީ މިއީ އާދައިގެ ވިއްސާރައެއް ކަމަށާއި މި ވިއްސާރައިގައި ކަނޑު ގަދަވެ މޫސުން ގޯސްނުވާނެ ކަމަށެވެ. އަދި ބޯ ވިލާތަކެއް ނެތް ކަމަށާއި ނެގި ވިލާގަނޑެއްގައި ބޯކޮށް ވާރޭ ވެހުނީ ވައިގަދަނުވުމުގެ ސަބަބުން ކަމަށެވެ.
ކުރިއަށް އޮތް 48 ގަޑިއިރަށް ވެސް ރާއްޖޭގެ މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މިއަދު މާލެ އަށް ކުރި ވިއްސާރައިގައި ބައެއް ފިހާރަތަކާއި ގެތަކަށް ފެންވަދެދާނެތީ ވަނީ ވެލިބަސްތާ ވެސް ޖަހައިފަ އެވެ.
މީގެ ދެ ހަފްތާކުރިން ވަނީ މާލެ އަށާއި އަތޮޅުތެރޭގެ ރަށްތަތަކަށް ވިއްސާރަކޮށް ބައެއް ރަށްރަށުގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.