14 Nov 2012, 15:40
އަނިޔާވެރި ގޮތަކަށް މަރާލެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ އަފްރާޝީމް އަލީގެ މަރުގެ ތަހުގީގު ކުރިއަށްދާ ގޮތް ބަލައި ދިނުމަށް އެދި އެމްޑީޕީން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ސިޓީއެއް ފޮނުވައިފި އެވެ.
މިއަދު އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ދަނީ އިންސާފްވެރި ކަމާއެކުގައިކަން ކަށަވަރު ކުރުމަށްޓަކައި އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް ރައްޔިތުންގެ މަޖިލީހުގެ ކަމާއިބެހޭ ކޮމެޓީތައް މެދުވެރި ކޮށް ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާތަކަށް ގުޅުއްވައިގެން ބައްލަވައި ދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ސިޓީ އަކުން ދަންނަވާފައި ވާނެ ކަމަށެވެ.
"އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޑރ. އަފްރާޝީމް ޢަލީ މަރާލިތާ މިހާރު އެއްމަހާއި 15 ދުވަސް ފާއިތުވެ ދާއިރު، އަދިވެސް ޑރ. އަފްރާޝިމް މަރާލި ކަމަށް ތުޙުމަތުކުރެވޭ މީހެއް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހޯދުނު ކަމެއް އެނގިފައި ނުވާކަމީ އެމްޑީޕީން ވަރަށް ކަންބޮޑުވާކަމެކެވެ. އަދި އިންސާފްވެރިކަމާއި އެކު ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގެ ތަހްޤީޤް ކުރިއަށް ގެންދާނޭކަމުގެ ޔަޤީންކަން ޢާންމު ރައްޔިތުންނަށާއި އަދި ވަކިން ޚާއްސަކޮށް އުނގޫފާރު ދާއިރާގެ ރައްޔިތުންނަށް ލިބުމަކީ މުހިއްމު ކަމެއް ކަމުގައި މި ޕާޓީން ދެކެމެވެ،" ޝާހިދަށް ފޮނުވި ސިޓީއާ ހަވާލާދީ އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އަފްރާޝީމްގެ މަރުގެ ތަހުގީގާއި ގުޅޭގޮތުން ސޯޝަލް މީޑިއާ ތަކުގައާއި އާންމު ރައްޔިތުންގެ މެދުގައި ދަނީ ތަފާތު އެކިގޮތްގޮތަށް ވާހަކަ ދެކެވެމުންދާ ކަމަށް ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.