14 Nov 2012, 15:34
އެންމެ ކުޑަ މުސާރަ އަށް ވުރެ، މަދުން މުވައްޒަފުންނަށް މުސާރަދީފި ނަމަ އެ މުއައްސަސާއެއް ޖޫރިމަނާ ކުރުމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ މާއްދާ އުނިކުރުމަށް ހުށަހެޅި އިސްލާހު ފާސް ނުކުރުމަށް، މަޖިލިސް މެންބަރުން ވޯޓް ދެއްވައިފި އެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ހުށަހެޅުއްވި އިސްލާހުގައި ބުނަނީ ވަޒީފާއާ ބެހޭ ގާނޫނުގެ 60، 61، 62 މާއްދާ އުނިކުރުމަށެވެ. ވަޒީފާ އާ ބެހޭ ގާނޫނުގެ 60 ވަނަ މާއްދާގައި ބުނަނީ އެންމެ ކުޑަ މުސާރަ ކަމަށް ކަނޑައަޅައި މިނިސްޓަރުކޮށްފައިވާ އަމުރު މުވައްޒަފުންނަށް ފެންނާނެހެން ބަހައްޓަންވާނެ ކަމަށެވެ. އަދި އެ ގާނޫނުގެ 61 ވަނަ މާއްދާގައި ވަޒީފާދޭ ފަރާތުން މުވައްޒަފުންނަށް ދޭން ޖެހޭ އެންމެ ކުޑަ އުޖޫރަ އަށްވުރެ، މަދުން މުސާރަދީފި ނަމަ ވަޒީފާ ދިން ފަރާތް 1000ރ. އާއި 3000ރ.އާގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
މުއްލަތިބު ހުށަހެޅުއްވި އިސްލާހު އިޖުތިމާއީ ކޮމެޓީގެ ސަބް ކޮމެޓީއަކުން ދިރާސާ ކުރެއްވުމަށް ފަހު ނިންމާފައި ވަނީ ގާނޫނުގައި ބުނާ އެ މައްދާތައް އުނިނުކުރުމަށެވެ. ކޮމެޓީން ފޮނުވި ރިޕޯޓް މަޖިލީހަށް އިއްވުމަށް ފަހު އެ ރިޕޯޓް މިއަދު ވަނީ ފާސްކޮށްފަ އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ ތިން މައްދާއެއް އުނިކުރުމަށް ނުފެންނަ ކަމަށް ހުށަހެޅި އިސްލާހު ރިޕޯޓް ފާސް ކުރީ 59 މެންބަރުން ވޯޓް ދެއްވައިގެންނެވެ. ރިޕޯޓް ފާސް ކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވީ އެންމެ ދެ މެންބަރުންނެވެ.