14 Nov 2012, 15:29
ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުތަކާ ބެހޭ ދިރާސާއެއް ކުރުމަށް ޕޭ ރިސާޗު ބޯޑެއް ރައީސުލްޖުމުހޫރިއްޔާ މުހައްމަދު ވަހީދު ހަސަން މަނިކު އިއްޔެ އުފައްދަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން އައްބާސް އާދިލު ރިޒާ މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޕޭ ރިސާޗް ބޯޑުގައި ތިއްބަވާނީ ހަ މެމްބަރުން ނެވެ.
ނަމަވެސް އެ މެމްބަރުންގެ ނަންތަކެއް އޭނާ ވިދާޅެއް ނުވި އެވެ. ރައީސް އޮފީހުން ބުނީ މެމްބަރުން އައްޔަން ކުރުމުގެ މަސައްކަތް އަދި މުޅިން ނުނިމޭ ކަމަށެވެ.
އަލަށް އުފެއްދެވި ޕޭ ރިސާޗް ބޯޑުގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ މަސައްކަތްތަކާ ބެހޭ ގޮތުން އައްބާސް ވިދާޅުވީ ބޭރުގެ ގައުމުތަކާއި ދިވެހި ރާއްޖޭގެ އިގްތިސޯދުގެ ހަލުއިކަން ހުރި މިންވަރު ބަލައި ދިރާސާ ކުރުމަށް ފަހު ރައީސުލްޖުމުހޫރިއްޔާ އަށް ދިވެހި ރާއްޖޭގެ މުސާރައިގެ އޮނިގަނޑުތަކާ ބެހޭ ގޮތުން ލަފާ ދެއްވުމަކީ އެ ބޯޑުގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ މަސައްކަތް ކަމަށެވެ.
އޭނާ ވިދާޅުވީ ވަގުތީ ގޮތުން އެ ބޯޑު އުފެއްދެވީ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައި އޮތް ޕޭ އެޑްވައިޒަރީ ކޮމިޝަންގެ ބިލްގެ މަސައްކަތް ނުނިމި ލަސްވަމުން ދާތީ ކަމަށެވެ. ވަގުތީ ގޮތުން އުފެއްދި އެ ބޯޑުގެ އުމަރަކީ ޕޭ އެޑަވައިޒަރީ ކޮމިޝަންގެ ގާނޫނު ތަސްދީގު ކުރުމާ ހަމައަށް ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
"މިއީ ވަގުތީ ބޯޑެއް. މަޖިލީހަށް ހުށަހެޅިފައި އޮތް ޕޭ އެޑްވައިޒަރީ ބޯޑުގެ ބިލް ތަސްދީގުވާ ދުވަހު މި ކޮމިޝަންގެ މަސައްކަތްތައް ހުއްޓޭނެ. ދެން ބޯޑަށް އައްޔަން ކުރަނީ ކޮން މެމްބަރުންނެއް ކަމެއް އަދި ހާމަ ކުރެވޭކަށް ނެތް. އެކަން ނިމުނީމާ އިއުލާނު ކުރާނަން،" އައްބާސް ވިދާޅުވި އެވެ.