14 Nov 2012, 14:58
ރާއްޖޭގެ ރިސޯޓްތައް ގަނެ ވިއްކުމުގެ ވިޔަފާރި މިދިޔަ އަހަރާ އަޅާބަލާ އިރު ރަނގަޅުވަމުން އަންނަ ކަމަށް ރައީސްސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
"ރިސޯޓް ޓްރާންސެކްޝަންތައް ވެސް ކުރީ އަހަރާ އަޅާބަލާ އިރު މި އަހަރު ރަނގަޅުވަމުން އެބަދޭ. ބައެއް ރިސޯޓްތައް ވިއްކައި ގަނެ، މި ބިޒްނަސް ކުރިއަށް ވުރެ ތަންކޮޅެއް ބޮޑަށް ރަނގަޅުވަމުން އެބަދޭ މިހާރު،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސޯދުގެ މައިނާރު ކަމަށާއި އެ ވިޔަފާރި ވަރަށް ބޮޑުތަން ރަނގަޅު ވަމުން އަންނަ ކަމަށެވެ. އިތުރު ސާދަ ރަށެއް ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރުމަށް ދޫކުރަން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ރައީސް ވިދާޅުވީ ވަރަށް އަވަހަށް އެ ރަށްތައް ސަރުކާރުން އިއުލާނު ކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ރިސޯޓް ހެދުމަށް މިހާރު ދޫކޮށްފައި ހުރި ރަށްތަކުގެ ތެރެއިން ވެސް ބައެއް ރަށްތަކުގެ މަސައްކަތް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށާއި ފައިސާގެ މައްސަލަތަކާ ހުރެ ބައެއް ރަށްރަށުގެ މަސައްކަތް ކުރިއަށް ނުގެންދެވި ހުއްޓިފައިވާ ކަމަށެވެ. އަދި އެ ރަށްރަށަށް ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ސަަރުކާރުން ވަނީ އިތުރު 14 ރަށެއް ޓޫރިޒަމް އަށް ދޫކުރުމަށް އިއުލާނު ކުރުމަށް ނިމިފައި. އަޅުގަނޑު އުއްމީދު ކުރަން ވަރަށް އަހަވަށް އެކަން އިއުލާނު ކުރެވި ހަމަޖެހިގެން ދާނެ ކަމަށް. މިހާރު ދޫކުރެވިފައި ހުރި ރިސޯޓްތަކުގެ ތެރެއިން ވެސް ބައެއް ރަށްރަށުގެ މަސައްކަތް ނިމެން ކައިރި ވެފައި ހުރީ. އެހެން ނަމަވެސް ފައިސާގެ ދަތިކަމުން މަސައްކަތް ހުރީ ކުރިއަށް ނުގެންދެވިފައި. ސަރުކާރުން މިހާރު އެ ފަރާތްތަކަށް ފައިސާ ހޯދައި ދިނުމުގެ މަސައްކަތް ކުރަމުން މި ގެންދަނީ،" ރައީސް ވިދާޅުވި އެވެ.
އިގްތިސޯދު ހަލާކުވެ އަންނަ އަހަރު މުސާރަތައް ވެސް ނުދެވޭނެ ކަމަށް ބައެއް ބޭފުން ވާހަކަ ދައްކަމުންދާ ކަމަށް ވިދާޅުވެ އެކަމަށް ވެސް ރައީސް ރައްދު ދެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ކެތްތެރިކަމާ އެކު ލިބޭ އާމްދަނީއަކުން ޚަރަދުތައް ހަމަޖެއްސުމަށް ކަމަށެވެ. އަދި ގައުމުގެ އިގްތިސާދު ވެސް މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް އޮޕްޓިމިސްޓިކްކޮށް މި ދެކެނީ. ގައުމުގެ އިގްތިސޯދު ވެސް އަންނަނީ ރަނގަޅު ވަމުން. ދެން ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ މި ގައުމުގެ އިގްތިސޯދު ހަލާކުވަނިއްޔޭ. ތިމަންނަ މެންނަށް އަންނަ އަހަރު މުސާރަ ވެސް ނުދެވޭނޭ. ބައެއް ބޭފުޅުން ވާހަކަ ދައްކާފައި އެބަހުރި ސެޕްޓެމްބަރު މަސް އަންނަ އިރު އަޅުގަނޑުމެން ބަނގުރޫޓު ވާނޭ ކިޔައިގެން ވެސް،" ރައީސް ވިދާޅުވި އެވެ.