ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އ.ދ.ގެ ޢާންމު މަޖިލީހުގެ 65 ވަނަ ދައުރުގެ ޢާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރޭ ފުރާ ވަޑައިގެންފި އެވެ.


މިދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސައިން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. ނައިބު ރައީސްގެ މިދަތުރުފުޅުގައި، އ.ދ.ގެ ޢާންމު މަޖިލީހުގެ 65 ވަނަ ދައުރުގެ ޢާންމު ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ތަޤްރީރު ކުރައްވާނެ އެވެ.


އަދި މޫސުމަށް އަންނަ ބަދަލުތަކާއި، އ.ދ.ގެ މިލޭނިއަމް ޑިވެލްޕްމަންޓް ގޯލްސްއާ ބެހޭގޮތުން ބާއްވާ ތަފާތު ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލު ކުރައްވާނެ އެވެ. މިގޮތުން މޫސުމަށް އަންނަ ބަދަލު ތަކާއި މިލޭނިއަމް ޑިވެލްޕްމަންޓް ގޯލްސްއާ ގުޅޭގޮތުން، އެލައަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އައޯސިސް)ގެ ވެރިންނަށް އަމާޒު ކުރައްވައިގެން ޖަރުމަނުގެ ޗާންސެލަރ އެންޖެލާ މާރކެލް ބާއްވަވާ ބައްދަލުކުރެއްވުމެއްގަޔާއި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށް އަމާޒު ކޮށްގެން މިލޭނިއަމް ޑިވެލްޕްމަންޓް ގޯލްސްއާ ބެހޭގޮތުން ނޭޕާލުން އިސްނަގައިގެން ބާއްވާ ބައްދަލުވުމެއްގައި ވެސް ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މީގެ އިތުރުން، އެމެރިކާގެ ޔޭލް ޔުނިވަރސިޓީގައި ނައިބު ރައީސް ތަޤްރީރު ކުރައްވާ ގޮތަށްވެސްވަނީ ހަމަޖެހިފައެވެ.
މިދަތުރުފުޅުގައި، ނައިބު ރައީސްގެ އަރިހުގައި ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ހުސައިން ޒަކީ އާއި، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑރ. އާމިނަތު ޖަމީލާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.