14 Nov 2012, 14:38
ރަލާއި އޫރުމަސް ރާއްޖެ އަށް އެތެރެ ކުރުން ހުއްޓުވުމަށް ޓަކައި ހުށަޅާފައިވާ އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓް އެއްވަރުވުމުން، ރިޔާސަތުން ވޯޓް ދެއްވައިގެން އެ ބިލް މަޖިލީހަށް ބަލައިގެންފި އެވެ.
ދިވެހިރާއްޖެ އަށް އެތެރެ ކުރުން މަނާ ތަކެތީގެ ގާނޫނަށް ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ހުށަހެޅުއްވި އިސްލާހުގެ ބިލް، މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އެހުމުން، ބިލާ ދެކޮޅަށް އަދި އެއްކޮޅަށް ވޯޓް ދެއްވި މެންބަރުންގެ އަދަދު އެއްވަރުވި އެވެ. އެއީ 24 ވޯޓުންނެވެ. ވަކިކޮޅަކަށް ވޯޓް ނުދައްވާ 11 މެންބަރުން ތިއްބެވެ. ވޯޓް އެއްވަރުވުމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވޯޓް ދެއްވީ އެ ބިލް މަޖިލީހަށް ބަލައިގަތުމަށެވެ. މަޖިލީހަށް މި ބިލް ބަލައިގަތުމުން އެ ބިލް ދިރާސާ ކުރުމަށް ޓަކައި ވަނީ ގައުމީ ސަލާމަތު ކޮމެޓީއަށް ފޮނުވައިފަ އެވެ.
ނާޒިމް ރަޝާދު ވިދާޅުވީ އޭނާ ހުށަހެޅުއްވި އިސްލާހުގެ ބަހުސްގައި އެއްވެސް މެންބަރަކު އެ އިސްލާހާ ދެކޮޅަށް ވާހަކަފުޅު ނުދައްކަވާތީ އެކަމާ އުފާ ކުރައްވާ ކަމަށެވެ. އަދި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 77 މެންބަރުންނަކީ އިސްލާމް ދީނަށް ހިދުމަތް ކުރުމަށްޓަކައި ތައްޔާރަށް ތިއްބެވި މެންބަރުން ކަމަށް ނާޒިމް ރަޝާދު ވިދާޅުވި އެވެ.
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރަލުގެ މައްސަލާގައި ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ ގޮތަކީ ރަނގަޅުތަކެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބަރީ ވިދާޅުވެފައިވާ ކަމަށެވެ. އެގޮތުން ރިސޯޓްތަކުގައި ކުރާ ރަލުގެ ވިޔަފާރީން ދައުލަތަށް ލިބޭ އާމްދަނީ ބޭނުން ކުރަން ޖެހޭނީ ނަރުދަމާ ނިޒާމް ހެދުމާއި ބަނދަރުތައް ހެދުމަށް ޓަކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ލަފާދެއްވާފައިވާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ރަލާ ބެހޭ ގޮތުން ގަވާއިދެއް ގާނޫނެއް ނުހެދޭނެ ކަމަށާއި ރަލުގެ މައްސަލަ ވަނީ ދީނުގައި ސަރީހަކޮށް މަނާކޮށްފައިވާ ކަމަށެވެ.
އިސްލާމްދީނުގެ އަސާސްތަކާ ހިލާފު ނުވާނެ ގޮތަށް ގާނޫނުތައް ހެދުމަށްޓަކައި އިސްލާމީ ފިހުގު އިލްމުގެ ދާއިރާ އިން މާސްޓާސް ހަދާފައިވާ ބޭފުޅަކު މަޖިލީހަށް ބޭނުންވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ޝިފާގު މުފީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ފިހުގު އިލްމު އުގެނިވަޑައިގެންނެވި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި އަވަހާރަކޮށްލާފައިވާ ޑރ. އަފްރާޝީމް އަލީ މަޖިލީހުގައި ހުންނެވި ނަމަ ދީނީ އެފަދަ މައްސަލަތައް ފަސޭހަކަމާ އެކު މަޖިލީހަށް އެނގިގެންދާނެ ކަމަށެވެ.