ވެށިފަހި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން މާލެ އާއި ހުޅުމާލެ އިން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކަށް އެދުނު ފަރާތްތަކުގެ ތެރެއިން ބީ ކެޓަގަރީ އަށް ހޮވުނު މީހުންގެ ނަންތައް ގެޒެޓްކޮށް، މިއަދު އިޢުލާންކޮށްފި އެވެ.

ހައުސިން މިނިސްޓްރީ އިން މިއަދު ބުނީ ބީ ކެޓަގަރީ އަށް 471 މީހަކު ޝަރުތު ހަމަވާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ފްލްޓް ލިބެނީ 450 މީހަކަށް ކަމަށެވެ. އެ ކެޓަގަރީން ފްލެޓަށް އެދި 7000 މީހުން ފޯމް ހުށަހަޅައިފަ އެވެ.

ވެށިފަހި ޕްރޮގްރާމް އޮފީހުން ބުނި ގޮތުގައި ފްލެޓް ލިބޭނެ ކަމަށް އިޢުލާންކޮށްފައިވާ ވަގުތީ ލިސްޓްގެ 420 އިން ފެށިގެން 471 އާ ހަމައަށް ހިމެނިފައިވާ ފަރާތްތަކަކީ އެއް އަދަދަކަށް ޕޮއިންޓް ލިބިގެން އެލިސްޓްގައި ހިމަނާފައިވާ ފަރާތްތައް ކަމަށާއި މިހާރު އެކުލަވާލައިފައިވާ ލިސްޓުގައި ހިމަނާފައިވާ އެ 52 މީހުންގެ މެދުގައި ގުރު ނެގުމަށް ހަމަޖެހިފައި ވަނީ ވަގުތީ ލިސްޓް ފައިނަލް ކުރާ މަރުހަލާގެ ތެރޭގައި ލިސްޓަށް ބަދަލެއް އަތުވެއްޖެ ނަމަ އެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިއްބު މިއަދު ވިދާޅުވީ ބީ ކެޓަގަރީން ހުށަހަޅާފައިވާ 7000 ފޯމްގެ ތެރެއިން ބީ ކެޓަގަރީ އަށް ޝަރުތު ހަމަނުވާ ފަރާތްތަކުގެ ފޯމްތައް ސީ ކެޓަގަރީ އަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.

"ބީ ކެޓަގަރީން ބަލައިގެންފައިވާ ފޯމްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފޯމްތައް މިހާރު ވާނީ ސީ ކެޓަގަރީ އަށް ބަދަލުކޮށްފައި. ސީ ކެޓަގަރީގެ މީހުންގެ ނަންތައް ވެސް ޑިސެމްބަރު މަހުގެ ނިޔަލަށް އިޢުލާން ކުރެވޭނެ،" މުއްތޮލިބު ވިދާޅުވި އެވެ.

ވެށިފަހި ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ތެރެއިން ބީ ކެޓަގަރީން މާލެ އިން ދޫކުރުމަށް ހަމަޖެހިފައި ވަނީ އެންމެ 50 ފްލެޓް ކަަމަށާއި އެފްލެޓްތައް ލިބޭނީ އެ ކެޓަގަރީން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތްތަަށް ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.

ބީ ކެޓަގަރީން ފްލެޓް ލިބޭ މީހުންގެ ނަންތައް ހާމަކޮށްފައިވާ ވަގުތީ ލިސްޓާ ގުޅިގެން ޝާކުވާ ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހުގެ މުއްދަތަކީ 29 ނޮވެމްބަރު 2012 ކަމަށެވެ.