14 Nov 2012, 14:03
ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުނާއި މެންބަރުން ފަރިއްކުޅުއްވުމަށް ގެނައި ކާއެއްޗެހިތަކެއް ވިހަވެގެން ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި ހަތަރު މުވައްޒަފަކު ހޮސްޕިޓަލަށް ގެންގޮސްފި އެވެ.
މުހައްމަދު ރަޝީދު މަޖިލީހުގެ ތަޅުމުގައި އިންނަވަނިކޮށް، އެ މަނިކުފާނު މިއަދު ފަރިއްކުޅުއްވި އެއްޗަކުން ބޯ އަނބުރައިގަނެގެން އުޅޭތީ، އޭނާ ތަޅުމުން ނެރުއްވުމަށް މިއަދުގެ ޖަލްސާ ވަނީ މެދުކަނޑާލާފަ އެވެ. ކާނާ ވިހަވެގެން ފަރުވާ ދިނުމަށްޓަކާ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ އަންހެން ކުއްޖަކު ވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
މަޖިލީހުގައި މިއަދު ނެގި ނިޒާމީ މައްސަލަތަކެއްގައި ކާނާ ވިހަވި މައްސަލަ ރިޔާސަތުގައި އިންނެވި އަބްދުﷲ ޝާހިދުގެ ސަމާލު ކަމަށް ގެންނެވުމުން އެމަނިކުފާނު ވިދާޅުވީ އެ މައްސަލަ ވަރަށް ސީރިއަސްކޮށް ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި ވިދާޅުވީ މެންބަރުން ފަރިއްކުޅުއްވުމަށް ގެންނަ އެއްޗެހި ބެއްލެވި ބޭފުޅުން "ސިއްހީ ގޮތުން ކަންތައްތަކެއް ދިމާވެގެން" މަޖިލީހުގެ ހަތަރު މުވައްޒަފަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ.
ޝާހިދު ވިދާޅުވީ އެ މައްސަލާގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީ އާއި ފުލުހުނާއި އެމްއެންޑީއެފް ގުޅިގެން އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
"އެއްވެސް ހާލެއްގައި މަޖިލީހުގެ މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ހިނގާ އެއްވެސް ކަމެއް މަޖިލީހުގެ ރިޔާސަތުން ލުއިކޮންނެއް ނުނަގާނަން،" ޝާހިދު ވިދާޅުވި އެވެ.
ކާނާ ވިހަވި މައްސަލާގައި މިއަދު ވަނީ އާންމު ކޮމެޓީގެ ކުއްލި ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުން ބޭއްވި މަޖިލީހުގެ ރައީސްގެ އެދިވަޑައިގަތުމަ ކަމަށެވެ.