ހދ. ހަނިމާދޫގެ ސަރަހައްދީ އެއާޕޯޓު ބައިނަލްއަގްވާމީ އެއާޕޯޓަކަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެ އެއާޕޯޓް ދުނިޔޭގެ ފެންވަރުގެ އެއާޕޯޓަކަށް ބަދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހި ގައުމީ އެއާލައިން، މޯލްޑިވިއަންއިން އާ މަންޒިލްތަކަށް ފަށާ ދަތުރުތައް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސަރަހައްދީ އިތުރު އެއާޕޯޓްތައް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރެވި އެތަންތަނަށް ވެސް ބޭރުން އަންނަ ފްލައިޓްތައް ޖެއްސޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި ހަނިމާދޫ އެއާޕޯޓް ވެސް އިންޓަނޭޝަނަލް ވެގެން ދާނެ. އިންޓަނޭޝަނަލް ފްލައިޓްތަކުގެ ދަތުރުތައް ވަރަށް އަވަހަށް ހަނިމާދޫން ފެށިގެން ދާނެ. މުސްތަގުބަލްގައި އެއަށް ވުރެ ގިނަ އިންޓްނޭޝަނަލް އެއާޕޯޓްތައް ހުރުމަކީ ވެސް އެކަށީގެންވާ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ކުރިއަށް އޮތްތަނުގައި އިތުރު އެއާޕޯޓުތައް ވެސް އިމާރާތް ކުރައްވާނެކަން ރައީސް ހާމަކުރެއްވި އެވެ. އެގޮތުން ހުވަދު އަތޮޅާއި ރ. އަތޮޅު އަދި ށ. އަތޮޅުގައި ވެސް އެއާޕޯޓް އިމާރާތްކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ތ. އަތޮޅުގެ އެއާޕޯޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅަށް ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކަނޑުގަދަ ދުވަސް ވަރުގައި ކަނޑުމަގުން ދަތުރު ކުރުމަކީ އުނދަގޫ ކަމެއް ކަމަށާއި ނަމަވެސް ޑޮމެސްޓިކް އެއާޕޯޓްތައް ހުޅުވުމުން އެކަމަށް ލުޔެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި ޑޮމެސްޓިކް ގިނަ އެއާޕޯޓުތަކެއް ހުޅުވުނުކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އޭގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވަރަށް ބޮޑަތި ފަސޭހަތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.