14 Nov 2012, 13:08
ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) އަދި ސްވިޑަން ގައުމީ ޓީމްގެ ކެޕްޓަން ޒްލަޓަން އިބްރަހިމޮވިޗް އަށް ސްވިޑަންގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ލިބިއްޖެ އެވެ.
މިދިޔަ ސީޒަނުގައި އޭސީ މިލާނަށް މޮޅު ކުޅުމެއް ދެއްކުމަށް ފަހު މިސީޒަންގައި އިބްރަހިމޮވިޗް ކުޅެމުންދަނީ ފްރާންސްގެ މުއްސަނދި ކްލަބު ޕީއެސްޖީ އަށެވެ. މިދިޔަ ސީޒަނުގައި އިބްރަހިމޮވިޗް ވަނީ މިލާނަށް ކުޅުނު 32 ލީގު މެޗުން 28 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.
މިސީޒަނުގައި ޕީއެސްޖީ އަށް ދައްކަމުންދާ މޮޅު ކުޅުމާ އެކު، އިބްރަހިމޮވިޗް ވެފައި ވަނީ ފްރާންސް ލީގުގެ އެންމެ ނުރައްކާތެރި އެއް ފޯވާޑަށެވެ. މި އަހަރުގެ އެވޯޑް ލިބުމާ އެކު އަންނަ އަހަރު ވެސް މިއެވޯޑް ހޯދުމަށް މަސައްކަތް ކުރާނެ ކަމުގައި އިބްރަހިމޮވިޗް ބުނެފައިވެ އެވެ.
"މި އެވޯޑަކީ ނިމިގެން ދިޔަ އަހަރަކީ އަހަރެންނަށް ރަނގަޅު އަހަރެއްކަން އަންގައިދިން ހެއްކެއް. އަހަރެން އަދި ވެސް ކުޅުން އިތުރަށް ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރާނަން. އަންނަ އަހަރު ވެސް މިއެވޯޑާ އެކު އެއް ވާހަކަތަކެއް ދެއްކޭތޯ ބަލާނަން." އިބްރަހިމޮޗް ބުންޏެވެ.
ސްވިޑަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަކީ އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ކޮންމެ އަހަރަކު ވެސް ދެމުންދާ އެވޯޑެކެވެ. އިބްރަހިމޮވިޗް ވަނީ މިއެވޯޑް ހަތް ފަހަރު ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރެއިން އޭނާ ވަނީ ޖެހިޖެހިގެން ހަ ފަހަރު މި އެވޯޑް ހޯދާފަ އެވެ.