ނެދަލޭންޑްސްގެ ޗެމްޕިއަން އަޔެކްސް އަށް ކުޅެމުންދާ ކްރިސްޓިއަން އެރިކްސަން އަށް ކޮންޓްރެކްޓް އާކުރުމަށް އެކުލަބުން ހުށަހެޅި ނަމަވެސް ގޮތެއް ނިންމަން އުނދަގޫވެފައިވާ ކަމަށް އޭނާ ބުނެފި އެވެ.

މިސީޒަނުގައި އަޔެކްސްގެ ޑެންމާކް މިޑްފީލްޑަރު ހޯދަން ޔޫރަޕްގެ ގިނަ ކްލަބުތަކަކުން މަސައްކަތްކޮށްފައިވެ އެވެ. އަޔެކްސްގެ ކޮންޓްރެކްޓް އާކުރުމުގެ ކުރިން އެހެން ކްލަބުތަކުގެ ހުށަހެޅުން ބަލާނެ ކަމަށް އުމުރުން ވިހި އަހަރުގެ އެރިކްސަން ބުނެފައިވެ އެވެ.

"އަޔެކްސްއާ އެކު މިހިރީ ހިތްހަމަޖެހިގެން. އަދި ކްލަބުން ބޭނުންވޭ އަހަރެންގެ ކޮންޓްރެކްޓް އާކުރަން. ނަމަވެސް ބައެއް ފަހަރު އަހަރެންގެ ހިތަށް އަރާ ކެރިޔަރުގައި ކުރިއަށް އަޅަން އޮތް ފިޔަވަޅު އަޅަން ވެއްޖެޔޭ. އަޔެކްސްއާ އެކު ކޮންޓްރެކްޓް އާ ނުކުރާނަމޭއެއް އަދި ނުބުނާނަން. އެހެން ކްލަބުތަކުން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ވެސް އަހަރެން ބަލާނަން." އެރިކްސަން ބުންޏެވެ.

އަޔެކްސް އިން އެރިކްސަންއާ އެކު ހަދާފައިވާ އެއްބަސްވުން 2014 ވަނަ އަހަރު ހަމަވާނެ އެވެ. އެރިކްސަން ވަނީ އަޔެކްސްގެ ޒުވާން ޓީމަށް ވެސް ދެ އަހަރު ދުވަހު ކުޅެފަ އެވެ. އަޔެކްސްގެ ސީނިއާ ޓީމަށް 2010 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ އެރިކްސަން ވަނީ އެކުލަބަށް މުހިންމު ލަނޑުތަކެއް ކާމިޔާބުކޮށްދީފަ އެވެ.