މާލޭ އިރު އިތުރު ފަރާތުން މަސްވެެރިންގެ ޕާކާވީ ސަރަހައްދުގެ ފަޅުތެރެ އަށް ގިނަ އަދަދެއްގެ ކަޅު ތެޔޮ އެޅި، އެ ސަރަހައްދު ވަރަށް ބޮޑަށް ތަޣައްޔަރުވެއްޖެ އެވެ.

ބޮޑުތަކުރުފާނުމަގުން ފޮރިން މިނިސްޓްރީ ހުންނަ ސަރަހައްދުގެ ފަޅުތެރެ އަށް އެޅިފައިވާ ގިނަ އަދަދެއްގެ ތެޔޮ ވަނީ އެ ސަރަހައްދުގެ މޫދަށް ފެތުރިފަ އެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ (އޭޕީއޭ) ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް މުހައްމަދު އިބްރާހިމް މިއަދު ވިދާޅުވީ އެ ސަރަހައްދަށް ގިނަ އަދަދެއްގެ ތެޔޮ އެޅިފައިވާކަން މިއަދު ހެނދުނު އެނގިވަޑައިގެންފައިވާ ކަމަށާއި އެކަމާ ގުޅިގެން އެ އެޖެންސީގެ ފަރާތުން އެ ސަރަހައްދަށް ގޮސް، ތެޔޮ އެޅިފައިވާ ތަން ބަލައި ކަމާ ބެހޭ ފަރާތްތަކުގައި އެ ސަރަހައްދު ސާފުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެކަމަކީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ދެކެވަޑައިގެންނަވާ ކަމަށާއި އެފަދަ ކަންތައް އާއްމު ބައެއް ފަރާތްތަކުން ކުރަމުން ގެންދާތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ލަފާކުރެވެނީ ކޮންމެވެސް ބަޔަކު ހަމަ އޮއްސާލާފައި ހުރި ކަމަށް ކަޅުތެޔޮތަކެއް. އާއްމު ފަރުދުންގެ ފަރާތުން މިހާ ޒިންމާދާރުކަން ކުޑަ ގޮތަކަށް މިފަދަ ކަންކަން ކުރާތީ އަޅުގަނޑުމެން ވަރަށް ހިތާމަކުރަން،" އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ.

އެކަމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވަމުންދާ ކަމަށް ބުނެ އެ ސަރަހައްދު ސާފުކޮށްދިނުމަށް އެދި އާއްމު ބައެއް ފާރާތްތަލުން ވަނީ އެންވައިރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އަށް ޝަކުވާ ހުށަހަޅައިފަ އެވެ.