14 Nov 2012, 11:46
ގއ. މާމެންދޫ ބަނދަރު ހެދުމުގެ މަސައްކަތް 40 މިލިޔަން ރުފިޔާ އަށް ޑެންމާކްގެ އެމްޓީ ހޯގާޑާ ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު އޮތް ރަސްމީޔާތުގައި ހައުސިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް އެވެ. އެމްޓީ ހޯގާޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު ޖޯން ކަރީ އެވެ.
އެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަަށް ފަހު މިނިސްޓަރު ވިދާޅުވީ އެމްޓީ ހޯގާޑާ މާމާންދޫ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކުރީ ގިނަވެގެން އަށް މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށް، 40 މިލިއަަން ރުފިޔާ އަށް ކަމަށެވެ.
"މި ސޮއިކުރެވުނު ކޮންޓްރެކްުގެ ޖުމްލަ އަދަދަކީ 40.3 މިލިޔަން ރުފިޔާ. މަސައްކަތުގެ މުއްދަތަކީ ގިނަވެގެން އަށް މަސް ދުވަސް. މި މަސައްކަތްތަށް ހަރަދު ކުރެވޭނީ 2013 ވަނަ އަހަރުގެ ދިވެހި ސަރުކާރުގެ ބަޖެޓުން." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިއަދު އެއްބަސްވުމުގައި ސޮއި ކުރި ކަމުގައި ވިޔަސް ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހު ކަމަށެވެ. އަދި އެ މަސއްކަތް ފަށާނީ ހަދަން ޖެހޭ "އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް" ހެދުމަށް ފަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މާމެންދޫގައި ހަދާ ބަނދަރަކީ ފުޅާ މިނުގައި 250 ފޫޓް ހުންނަ އަދި ދިގުމިނުގައި 900 ފޫޓް ހުންނާނެ ބަނދަރެއް ކަމަށެވެ.
އެ މަޝްރޫއުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި މިހާރު ބަނދަރުގެ ބޭރުން ހިއްކާފައިވާ ސަރަހައްދުގައި ބޭރު ތޮއްޓެއްގެ ގޮތުގައި ބޭނުން ކުރުމަށް ރިވެޓްމެންޓެއް ޖެހުން ހިމެނޭ ކަމަށެވެ. އަދި 292 މީޓަރުގެ "އެލް ސެކްޝަން" ކޮންކުރީޓް އެއްގަމު ތޮއްޓެއް ލުމާއި އަދި 94 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓެއްލުން ވެސް ހިމެނޭ ކަމަށާއި އަދި ސީވޯލްއެއް ވެސް ހިމެނޭ ކަމަށް މިނސްޓަރު ވިދާޅުވި އެވެ. އަދި ބަނދަރުގެ މަސއްކަތާ ގުޅިގެން ބަނަދަރު ކޮނެގެން ނެގޭ ވެލިން އެ ސަރަހައްދުގެ ބިން ހިއްކުމާއި އަދި އެހެނިހެން ކުދި މަސައްކަތް ހިމެނޭ ކަމަށެވެ.