ތުރުކީގައި ދިރިއުޅޭ ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖަކު އޭނާ ގެންގުޅޭ ކުޅޭކުޅޭ ބުދާއި، މުޅި އަހަރު އެއްކުރި ޕޮކެޓްމަނީ، ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ހަދިޔާކޮށްފި އެވެ.


ސްކޫލަށް ކުޑަ އަންހެން ކުއްޖަކަށްވީ ނަމަވެސް، މާވީ ނަމަކަށް ކިޔާ އެ ކުއްޖާ ވަނީ ޕަކިސްތާނުގައި ފެންބޮޑުވެގެން ހާލުގައި ޖެހުނު އެތައް މިލިއަން ބަޔަކަށް އެހީތެރިވެދެވޭނެކަން މުޅި ދުނިޔެއަށް ދައްކުވައިދީ މިސާލެއް ގާއިމްކޮށްފަ އެވެ.


ނުވަ އަހަރުގެ މާވީ ކުޑައިރުއްސުރެ އެންމެ ލޯބިން ކުޅެން ގެންގުޅުނު ބުދާއި، ޕޮކެޓް މަނީގެ ގޮތުގައި އޭނާ އެއްކުރި 150 ޓާކިސް ލީރާ ނުވަތަ 100 ޑޮލަރު ޕާކިސްތާނަށް ފޮނުވީ، ޕާކިސްތާނަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ކާރިސާގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންގެ ފޮޓޯ އާއި މަންޒަރު ފެނި ވަރަށް ބޮޑަށް އެކަމާ ދެރަވެގެން ކަމަށް، އަމިއްލަ އަތުން ލިޔެ، ޕާކިސްތާނު ރައީސް އާސިފް އަލީ ޒަރްދާރީ އަށް ފޮނުވި ސިޓީއެއްގައި މާވީ ބުނެފައިވެ އެވެ.


ތުރުކީ ބަހުން ލިޔެފައިވާ އެ ސިޓީގައި މާވީ ބުނީ ޕާކިސްތާނަށް ކުރިމަތިވެފައިވާ "މުސީބާތް" ވަރަށް ރަނގަޅަށް ވިސްނޭ ކަމަށެވެ.


އޭނާ ބުނެފައި ވަނީ، ތުރުކީ ވިލާތަށް މިނިވަންކަން ހޯދައިދިނުމަށް ޕާކިސްތާނުން ވަރަށް ބޮޑަށް އެހީތެރިވި ވާހަކަ އޭނާގެ ބައްޕަ ކިޔައިދީފައިވާ ކަމަށެވެ. އެހެންކަމުން، މާވީ ދެކޭ ގޮތުގައި، މިފަހަރު މިއީ ތުރުކީން ޕާކިސްތާނަށް އެހީވާން ޖެހޭ ފަހަރު ކަމަށް މާވީ ބުނެފައިވެ އެވެ. އަދި އެކަން ތުރުކީ މީހުންނަށް ވަރަށް ރަނގަޅަށް އެނގޭކަން ޕާކިސްތާނަށް އަންގައިދޭން ބޭނުންވާ ކަމަށް ވެސް މާވީގެ ސިޓީގައިވެ އެވެ.


އެ ސިޓީ ނިންމާލަމުން މާވީ ވައުދުވެފައި ވަނީ، ކުޑަ ކުއްޖަކަށް ވީތީ، އޭނާގެ ބުދާއި ޕޮކެޓްމަނީ އެކަނި މިފަހަރު ފޮނުވުނު ނަމަވެސް، ވީވަރަކުން ޕާކިސްތާނު ރައްޔިތުންނަށް އަދިވެސް އޭނާގެ ދީލަތި އެހީ ފޮނުވާނެ ކަމަށެވެ.