ނ. ލަންދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އަންނަ މަހުގެ 27 ވަނަ ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ލަންދޫ ކައުންސިލްގެ ބައި އިލެކްޝަނަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ހަވީރު 3:00 އަށް ކަމަށެވެ. އަދި ރަސްމީ ބަންދު ދުވަސް ތަކުގައި މެންދުރުފަހު 2:30 ން ހަވީރު 4:30 އާއި ހަމަޔަށް ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

ލަންދޫ ކައުންސިލްގެ ބައި އިލެކްޝަން އިއުލާން ކޮށްފައި ވަނީ ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ރަށުގައި ގާއިމްވެ ހުރެވެން ނެތްކަމަށް ވިދާޅުވެ ކައުންސިލްގެ ނާއިބް ރައީސް އަބްދުﷲ އަމްޖަދު ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ.

ގއ. ކަނޑުހުޅުދޫ ކައުންސިލްގެ ބައި އިލެކްޝަން މާދަމާ ބާއްވަން ވަނީ ހަމަޖެހިފަ އެވެ. އެ ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންނަކީ ޕީޕީއެމްގެ ކެންޑިޑޭޓް ރިޝާނާ އަބްދުލް އަޒީޒާއި އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ޝަހީމެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ ވަރަށް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލުމުން ހުސްވި ގޮނޑީގެ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ. އެ ދާއިރާ އަށް ކުރިމަތި ލައްވާފައިވާ ތިން ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ޕީޕީއެމްގެ ކެންޑިޑޭޓް އިބްރާހިމް އަމީނާއި އެމްޑީޕީގެ ކެންޑިޑޭޓް ޑރ. އަހުމަދު އަޝްރަފް އަލީގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ނާޖިހު ޖިނާހު އެވެ.