މީހުން މެރުމުގެ ކުށާއި އެ ކުށާ ގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ބިލާ ގުޅޭ ގޮތުން ޚިޔާލު ހޯދުމަށް ކަމާ ގުޅޭ އިދާރާތަކަށް ފޮނުވައިފި އެވެ.

ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވީ އެ ބިލާ ގުޅޭ ގޮތުން ޚިޔާލު ހޯދުމަށް ސުޕްރީމް ކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އިސްލާމިކް މިނިސްޓްރީގެ އިތުރުން ހޯމް މިނިސްޓްރީ އަށް ފޮނުވާފައި ވަނީ އިއްޔެ ކަމަށެވެ.

އޭނާ ވިދާޅުވީ އެތަންތަނުގެ ޚިޔާލު ލިބުމުން އެ ޚިޔާލުތަކާ އެކު އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާނެ ކަމަށާއި އެއަށް ފަހު އާންމުންގެ ޚިޔާލާ އެކު ރައްޔިތުންގެ މަޖިލީހަށް ބިލް ފޮނުވަން ހަމަޖެހިފައިވާ ކަމަށެވެ.

"އެ މައްސަލައިގެ ބާވަތުން ވަރަށް ގިނަ އާންމުން ވެސް އަޅުގަނޑުމެންނާ ކޮމިއުނިކޭޓް ކުރަމުން ގެންދިޔަ. އެ ބޭފުޅުން ކޮމެންޓް ދޭން ބޭނުންވާ ކަމަށް. އެބޭފުޅުންގެ ކޮމެންޓްސް ލިބުނީމާ އާންމުންގެ ޚިޔާލު ހޯދުމަށް އަޅުގަނޑުމެން އާންމު ކުރާނަން. އޭގެ ފަހުން އާންމުންގެ ޚިޔާލާ އެކު މަޖިލީހަށް އެ ބިލް ފޮނުވާނީ،" އާޒިމާ ވިދާޅުވި އެވެ.

އެންމެ ފަހުން ބަންޑާރަ ނާއިބް އޮފީހުން ބޭއްވި ނޫސް ކޮންފަރެންސްގައި އާޒިމާ ވިދާޅުވެފައި ވަނީ އެ ބިލްގައި މަރުގެ ހުކުމް ތަންފީޒުކުރުމުގައި އަމަލު ކުރާނެ އުސޫލުތަކާއި މަރުގެ މައްސަލަތައް ތަހުގީގު ކުރުމާއި ދައުވާ ކުރުމުގައި އަމަލު ކުރާނެ އުސޫލުތައް ވެސް ކަނޑައަޅާފައި ވާނެ ކަމަށެވެ.