ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއިން އިންޑިއާގެ މުންބާއީ އާއި ޗެންނާއީގެ އިތުރުން ޑްރެވިންޑްރަމް އަދި ބަންގްލަދޭޝްގެ ޑާކާ އަށް ފަށަން ހަމަޖެހިފައިވާ ދަތުރުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.

މޯލްޑިވިއަންގެ ފްލައިޓްތަކުގެ ދަތުރުތައް އެ މަންޒިލްތަކަށް ފަށާނީ މާދަމާ އެވެ. އެ ދަތުރުތައް ރައީސް މިއަދު އިފްތިތާހު ކޮށްދެއްވުމާ އެކު މޯލްޑިވިއަންގެ ފްލައިޓްތައް ތަރައްގީވަމުން އައި ގޮތުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް އެ ހަފްލާގައި ވަނީ ޕްލޭކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެ ކުންފުންޏަށް އިތުރު ބޯޓުތަކެއް ގެނެވި އެ ކުންފުނި އަދިވެސް ތަރައްގީވެގެން އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި މިއީ ރަނގަޅު ފެށުމެއް ކަމަށެވެ. އަދި އެ ކުންފުނި މަދު ދުވަސްކޮޅެއްގައި ހޯދި ކާމިޔާބަށް ރައީސް ތައުރީފު ކުރެއްވި އެވެ.

އެ ހަފްލާގައި ސަރުކާރުގެ މިނިސްޓަރުންނާއި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގަތެވެ.

އާ މަންޒިލްތަކަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް އެ ކުންފުނިން ވަނީ އޭ320 މަރުކާގެ ބޯޓެއްވެސް އެ ކުންފުންޏަށް ގެނެސްފަ އެވެ. މިއީ އައިލެންޑް އޭވިއޭޝަންގެ ތާރީހުގައި އެހާ ބޮޑު ބޯޓެއް އެ ކުންފުންޏަށް ގެނައި ފުރަތަމަ ފަހަރެވެ. އެ ބޯޓަކީ 152 ސީޓުގެ ބޯޓެކެވެ. އޭގެތެރޭގައި ހިމެނެނީ 14 ބިޒްނަސް ސީޓާއި 138 އިކޮނޮމީ ސީޓެވެ.