14 Nov 2012, 11:20
ޖަރުމަނާ ދެކޮޅަށް މިރޭ ކުޅޭ އެކުވެރިކަމުގެ ފުޓްބޯޅަ މެޗުން ނެދަލޭންޑްސް މޮޅުވާނެ ކަމަށް ޝާލްކޭގެ ނެދަލޭންޑްސް ފޯވާޑް ކްލާސް ޔޭން ހަންޓެލާ ބުނެފި އެވެ.
ޔޫރޯ 2012ގައި ނެދަލޭންޑްސް އާއި ޖަރުމަން ހިމެނިފައި އޮތް ގްރޫޕްގެ ގޮތުގައި ފާހަގަވެގެން ދިޔައީ "ގްރޫޕް އޮފް ޑެތު"ގެ ގޮތުގަ އެވެ. އެގްރޫޕްގައި ދެން ހިމެނުނު ދެ ޓީމަކީ ޕޯޗުގަލްއާއި ޑެންމާކެވެ. ޖަރުމަން ޓީމުން ނެދަލޭންޑްސްގެ މައްޗަށް އެމުބާރާތުން 2-1 ލަނޑުން މޮޅުވި އިރު، ނެދަލޭންޑްސް މުބާރާތުން ކެޓީ އެއްވެސް ޕޮއިންޓެއް ނުލިބި އެވެ.
"ޖަރުމަން އާއި ނެދަލޭންޑްސް މެޗަކީ އަބަދު ވެސް ހާއްސަ މެޗެއް. ސަޕޯޓަރުން ތިބޭނީ އަހަރެމެންނާ އެކު. އަހަރެމެން މިމެޗުން މޮޅުވާން ބޭނުން. އަހަރެން ބުނާނީ ނެދަލޭންޑްސް މޮޅުވާނީ 1-0 ލަނޑުންނޭ. ޖަރުމަނަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމްތަކުގެ ތެރޭގައި ހިމެނޭ ޓީމެއް. މި މެޗު އަހަރެމެންނަށް ރަނގަޅު ޓެސްޓަކަށް ވާނެ. އަހަރެމެން ޓީމްގައި ޒުވާން ގިނަ ކުޅުންތެރިންތަކަކާ އެކު ރަނގަޅު ޓީމެއް އެބަ އޮތް." ހަންޓެލާ ބުންޏެވެ.
ޔޫރޯގައި ނެދަލޭންޑްސް އިން ދެއްކި ކުޅުމަކީ ހައިރާން ކުރެވުނު ދަށް ކުޅުމެކެވެ. ޔޫރޯ ފެށުމުގެ ކުރިން ނެދަލޭންޑްސް ޓީމް ފާހަގަވެގެންދިޔައީ ފޭވަރިޓެއްގެ ގޮތުގަ އެވެ. އެމުބާރާތުން ނެދަލޭންޑްސް އަށް އެއްވެސް ޕޮއިންޓެއް ނުލިބުނު އިރު، އެ ޓީމަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ. ޖަރުމަނާއި ދެކޮޅަށް ނެދަލޭންޑްސް ނުކުންނަ ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖޭ ގަޑިން މިރޭ 00:30 ގައި ނެދަލޭންޑްސްގެ އެމްސްޓެޑަމް އެރީނާގަ އެވެ.