14 Nov 2012, 11:16
އިންޓަމިލާންގެ ކުރީގެ ކޯޗު ރަފާ ބެނިޓޭޒް އަކީ ރެއާލް މެޑްރިޑަށް މިހާރު ކޯޗުކޮށްދެމުންދާ ހޯސޭ މޮރީނިއޯއާއި އަޅާ ބަލާ އިރު އެއްވެސް މީހެއް ނޫން ކަމަށް އިންޓަގެ ކުރީގެ ޑިފެންޑަރު މާކޯ މަޓަރާޒީ ބުނެފި އެވެ.
މެޑްރިޑްގެ ކޯޗު މޮރީނިއޯ 2010 ވަނަ އަހަރުގެ އެކުލަބު ދޫކޮށް ދިޔައީ ވަރަށް ބޮޑު ކާމިޔާބީއެއް ހޯދައިދީފަ އެވެ. އޭނާ ވަނީ އިންޓައަށް ޗެމްޕިއަންސް ލީގާއި އިޓަލީ ލީގު ވެސް ކާމިޔާބު ކޮށްދީފަ އެވެ. އިންޓަ ދޫކޮށް މޮރީނިއޯ ދާ ހަބަރު ލިބުމާއެކު މަޓަރާޒީ އަށް ހިތާމައެއް ލިބުނު ކަމުގައި އޭނާ ބުނެފައިވެ އެވެ.
"މޮރީނިއޯ ވެފައި ވަނީ އެއް ނަންބަރު ކޯޗަށް. އޭނާގެ ސިއްރަކަށް ވެފައި ވަނީ ކުޅުންތެރިން މަސައްކަތާއި ޝާމިލުކުރުން. ދެ ހާސް ދިހަ ވަނަ އަހަރުގެ ފައިނަލުގައި މެޑްރިޑްގައި ހުރެ މޮރީނިއޯ އަހަރެން ކައިރީ ބުނި އިންޓަ ދޫކޮށްލަން އުޅޭ ވާހަކަ. ބެނިޓޭޒްގެ އަތް މައްޗަށް އަހަރެން ދޫކޮށްލަނީ ކީއްވެތޯ އަހަރެން އެހިން." މަޓަރާޒީ ބުންޏެވެ.
މަޓަރާޒީގެ ނަޒަރުގައި މޮރީނިއޯ އިންޓާ ދޫކޮށް ދިއުމުން އެކުލަބާއި ހަވާލުވި ބެނިޓޭޒް އަކީ މޮރީނިއޯއާ އަޅާ ބަލާ އިރު އެއްވެސް މީހެއް ނޫނެވެ.
"އަހަރެންނާއި ބެނިޓޭޒްގެ ގުޅުން ދިޔައީ އެހާ ރަގަޅަކަށް ނޫން. ބެނިޓޭޒް ވަނީ އަހަރެންގެ އެންމެ މުހިންމު ވަގުތުތައް ހަނދާނުން ފުހެލާފައި. ބެނިޓޭޒް ދެކުނު ގޮތުގައި އޭނާއަށް ހުރިހާ އެއްޗެއް އެނގުނު." މަޓަރާޒީ ބުންޏެވެ.
މަޓަރާޒީގެ އެންމެ މޮޅު އެގާރަ ކުޅުންތެރިންގެ ޓީމްގައި ފްރާންސްގެ ކުރީގެ ތަރި ޒައިނެދިން ޒިދާން ހިމަނާފައިވެ އެވެ. ޒިދާން އަކީ ވޯލްޑް ކަޕް 2006ގެ ފައިނަލްގައި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގައި މަޓަރާޒީ އަށް ކުރި ނުރައްކާތެރި ފައުލްއާ ގުޅިގެން ރަތް ކާޑް ލިބުނު ކުޅުންތެރިއެކެވެ.
"އަހަރެންގެ ޓީމްގެ ޑިފެންސްގައި ހިމަނާނީ، ޖޫލިއޯ ސީސާ، މައިކޮން، ފަބިއޯ ކަނަވާރޯ، މަޓަރާޒީ، އަދި ކްރިސްޓިއަން ޗިވޫ. މިޑްފީލްގައި ހިމަނާނީ ގެނޭރޯ ގަޓޫސޯ، ޑެޖާން ސްޓެންކޮވިޗް، އަދި ޑެނިއަލް ޑެ ރޮސީ. ކުރިއަށް ނަގާނީ އެންޓޯނިއޯ ކަސާނޯ، ޒިދާން އަދި ސެމުއެލް އެޓޫ. ޒިދާން ނެގީ ކީތްވެތޯ ބައެއް މީހުން ހިތަށް އަރާފާނެ. އަހަރެންގެ ހިތުން އޭނާ އަށް ޖާގަ ދެވޭނެ. އެއީ ޒިދާންގެ ސަބަބުން އަހަރެންނަށް ވޯލްޑް ކަޕެއް ކާމިޔާބުކުރެވުނީ." މަޓަރާޒީ ބުންޏެވެ.
އިންޓަ އަށް ދިހަ އަހަރުގެ މުއްދަތަކަށް ކުޅުމަށް ފަހު، މިދިޔަ އަހަރަށް ފަހު މަޓަރާޒީ އެއްވެސް ކްލަބަކުން ފެނިފައެއް ނުވެ އެވެ. މަޓަރާޒީ ވަނީ އިޓަލީ ގައުމީ ޓީމަށް ހަތް އަހަރު ދުވަހުގެ މުއްދަތަކަށް ކުޅެފަ އެވެ.