މީޑިއާގައި ދައްކާ ދޮގު ވާހަކަތައް އަޑު ނޭހުމަށާއި ފުޓްބޯޅަ އަށް ސަމާލުކަން ދިނުމަށް ބްރެޒިލްގެ މިހާރުގެ ތަރި ނޭމާ އަށް އެގައުމުގެ ކުރީގެ ފުޓްބޯޅަ ތަރި ރޮނާލްޑޯ ގޮވާލައިފި އެވެ.

ބްރެޒިލް ކްލަބު ސަންތޯސް އަށް ކުޅެމުން ނޭމާ، އެކުލަބު ދޫކޮށް ޔޫރަޕްގެ ވަރުގަދަ ކްލަބަކާއި ގުޅެން އުޅޭ ކަމުގެ އަޑުތަކެއް ދާދި ފަހުން ވަނީ އިވިފަ އެވެ. ނޭމާއަށާއި ގައުމަށް ފައިދާވާނީ މިކަހަލަ ދޮގު ވާހަކަތަކާއި މެދު އަޅާ ނުލުން ކަމަށް ރޮނާލްޑޯ ބުނެފައިވެ އެވެ.

"ނޭމާ އަށް ނަސޭހަތެއްދޭ ނަމަ ބުނާނީ، މީހުން ދައްކާ ވާހަކަތަކަށް ސަމާލުކަން ނުދޭށޭ. އޭނާ ސަމާލުކަން ދޭން ޖެހޭނީ ފަރިތަކުރުމަށާއި ފުޓްބޯޅަ ކުޅުން. މި ނަސޭހަތާއިގެން ކުރިއަށްދާ ނަމަ، ނޭމާ އަށް ބްރެޒިލް އަށް ވޯލްޑް ކަޕް ކާމިޔާބުކޮށް ދިނުމަށް އެހީތެރިވެވިދާނެ." ރޮނާލްޑޯ ބުންޏެވެ.

ބްރެޒިލް ގައުމީ ޓީމަށް ކުޅުނު ފަންސަވީސް މެޗުން ނޭމާ ވަނީ ސޯޅަ ގޯލް ކާމިޔާބު ކޮށްދީފަ އެވެ. އެކުވެރިކަމުގެ މެޗެއްގައި މާދަމާ ކޮލަމްބިއާއާ ދެކޮޅަށް ބްރެޒިލް ނުކުންނާނެ އެވެ. މިމެޗު ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ފަތިހު 5:30 ގަ އެވެ.