14 Nov 2012, 10:45
ދުބާއީގެ ލޯ ބަޖެޓް އެއާލައިންއެއް ކަމަށްވާ، ފްލައި ދުބާއީން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.
އެ ކުންފުނިން ބުނީ އަންނަ ޖެނުއަރީ 19 ވަނަ ދުވަހުން ފެށިގެން އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށާނެ ކަމަށެވެ. އެގޮތުން ހަފްތާއަކު ފަސް ފަހަރު ދުބާއީ އާއި މާލެއާ ދެމެދު އެ އެއާލައިންއިން ދަތުރުތައް ކުރުމަށް ވަނީ ނިންމައިފަ އެވެ.
"ފްލައި ދުބާއީ"ގެ ސީއީއޯ ވިދާޅުވީ އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމީ ރާއްޖެއަކީ ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތް ކުރާ ގައުމަކަށް ވާއިރު ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގެއްގައި އެ ފުރުސަތު ފުޅާކުރުމަށް ކަމަށެވެ.
"އަހަރުމެންގެ ހިދުމަތްތައް ބަލައި ގަންނައިރު ރާއްޖެ ފަދަ މަގުބޫލު މަންޒިލަކަށް އދުހުމުގެ ފުރުސަތު ހުޅުވުމަކީ އަހަރުމެންނަށްވެސް ލިބުނު ފަހުރެއް،" ސީއީއޯ ވިދާޅުވެފައިވެ އެވެ.
ދުބާއީން ރާއްޖެ އަންނަ މީހުންގެ ބޮޑު ބައެއް މިހާރު ޑޮމިނޭޓް ކުރަނީ އެމިރޭޓްސް އިންނެވެ.
ފްލައި ދުބާއީއަކީ މިހާރުވެސް އަންނަނީ 20 އަށްވުރެ ގިނަ މަންޒިލްތަކަށް ދަތުރުތައް ކުރާ އެއާލައިން އެކެވެ.
މެދުއިރުމަތިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އަދި ޔޫރަޕުން އަންނަ ގިނަ ޓޫރިސްޓުންވެސް ރާއްޖެ އަންނަނީ ދުބާއީގައި ޓްރާންސިޓް ކުރުމަށް ފަހު އެވެ. އެގޮތުން މެދުއިރުމަތިން ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 77.8 ޕަސެންޓަށް ވަނީ މިވީ މުއްދަތުގެ ތެރޭގައި އިތުރުވެފަ އެވެ.