14 Nov 2012, 09:42
ބެއިޖިން (ނޮވެމްބަރ 14): ޗައިނާ އިން އުފައްދާފައިވާ "ކުމާކްސީ 919" މަރުކާގެ ފަސިންޖަރު މަތިންދާބޯޓު ގަތުމަށް ލިބެމުންދާ އޯޑަރުތައް ވަރަށް ބޮޑަށް އިތުރުވެއްޖެކަން އެޤައުމުން ހާމަކޮށްފި އެވެ.
ޗައިނާގެ ފަސިންޖަރު މަތިންދާބޯޓު އުފައްދާ އެންމެ ބޮޑު ކުންފުނި ކަމަށްވާ "ކުމާކް" އިންބުނީ މިހާތަނަށް މިބޯޓު ގަތުމަށް 300 އާއި 400 އާ ދެމެދުގެ އޯޑަރު ލިބިފައިވާ ކަމަށާއި މީގެތެރެއިން ގިނައީ ޗައިނާގެ އެއާލައިންތަކުން ދީފައިވާ އޯޑަރުތައް ކަމުގަ އެވެ. ނަމަވެސް ބޭރުގެ އެއާލައިންތަކުގެ އޯޑަރުތައް ވެސް ވަރަށް ގިނަ ކަމަށް އެކުންފުނިން ނެރުނު ބަޔާނެއް ބުނެ އެވެ. ޗައިނާ އިން އަލަށް އުފެއްދި "ކުމާކްސީ 919" މަރުކާގެ ފަސިންޖަރު މަތިންދާބޯޓަކީ އެޤައުމުން މިހާތަނަށް އުފެއްދި އެންމެ މަތީފެންވަރުގެ ޓެކްނޮލޮޖީގެ މަތިންދާބޯޓެކެވެ.
މިއީ ޔޫރަޕްގެ އެއާބަސް މަރުކާގެ ފަސިންޖަރު މަތިންދާބޯޓުތަކާ އެއް ފެންވަރުގެ ޓެކްނޮލޮޖީއެއްގެ ބޯޓުތަކެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޗައިނާއިން ވަނީ ބެއިޖިންގައި އިއްޔެ އިފްތިތާޙްކުރި މަތިންދާޓުތަކުގެ މައުރަޒުގައި "ކުމާކްސީ 919" މަރުކާގެ ފަސިންޖަރު މަތިންދާބޯޓު ދައްކާލާފަ އެވެ. މިމައުރަޒުގައި ދައްކާލާފައި ވަނީ ކުމާކްސީ މަރުކާގެ 150 ފަސިންޖަރުންގެ ޖާގައިގެ މަތިންދާބޯޓެކެވެ.
ޗައިނާގެ މިއުފެއްދުމުގެ ސަބަބުން ފަސިންޖަރު މަތިންދާބޯޓު އުފެއްދުމުގައި އެމެރިކާއާއި ޔޫރަޕުން މިހާރު ގެންގުޅޭ މޮނޮޕޮލީ ނިމުމަކަށް އަންނާނެ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. (ރޮއީޓާސް)