ވޮޝިންޓަން (ނޮވެމްބަރ 14): ސޫރިޔާގެ އިދިކޮޅު ފަރާތްތައް ގުޅިގެން އުފައްދާފައިވާ ނެޝަނަލް ކޯލިޝަނަށް އެމެރިކާ ވެސް އިއުތިރާފް ވެއްޖެ އެވެ.

"އަހަރެމެންނަށް ޤަބޫލުކުރެވޭ ގޮތުގައި ސޫރިޔާގެ ރައްޔިތުން ތަމްސީލްކުރާ ޝަރްޢީ ފަރާތަކީ އެޤައުމުގެ އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ ނެޝަނަލް ކޯލިޝަން. ސޫރިޔާގެ ރައްޔިތުން ތަމްސީލް ކުރުމުގެ ގާބިލްކަންހުރިކަން އެޤައުމުގެ އެތެރެއިން ދެއްކުމަށް އިދިކޮޅު ކޯލިޝަނުން މަސައްކަތްކުރާނެ ކަމަށް އަހަރެމެން އުންމީދުކުރަން،" އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާންގެ އެހީތެރިޔާ މާކް ޓޫނާ ވިދާޅުވި އެވެ. އެމެރިކާއަކީ ސޫރިޔާގެ ރައްޔިތުން ތަމްސީލްކުރާ ޝަރްޢީ ފަރާތަކީ އެޤައުމުގެ އިދިކޮޅު ފަރާތްތައް ކަމަށް އިއުތިރާފްވި ހުޅަނގުގެ ދެވަނަ ޤައުމެވެ. އެކޯލިޝަނަށް ފުރަތަމަ އިއުތިރާފްވީ ފަރަންސޭސިވިލާތުންނެވެ.

ފަރަންސޭސިވިލާތުން ވަނީ ސޫރިޔާގެ ވަގުތީ ސަރުކާރުގެ ގޮތުގައި ވެސް އިދިކޮޅު ކޯލިޝަނަށް އިއުތިރާފްވެފަ އެވެ. ނަމަވެސް ސޫރިޔާގެ ވަގުތީ ސަރުކާރުގެ ގޮތުގައި އިދިކޮޅު ކޯލިޝަނަށް އެމެރިކާ އިއުތިރާފް ވެފައެއްނުވެ އެވެ. ފަރަންސޭސިވިލާތާއި އެމެރިކާ އިން ސޫރިޔާގެ އިދިކޮޅު ކޯލިޝަނަކީ އެޤައުމުގެ ރައްޔިތުން ތަމްސީލްކުރާ ހަމައެކަނި ފަރާތްކަމަށް އިއުތިރާފްވެ އެކަން ގަބޫލުކުރި ނަމަވެސް އިނގިރޭސިވިލާތުން ވަނީ މިކަމަށް ފަސްޖެހިފަ އެވެ. ޤާހިރާގައި ވާހަކަ ދައްކަވަމުން އިނގިރޭސި ޚާރިޖީ ވަޒީރު ވިލިޔަމް ހެގް ވިދާޅުވީ ދަހްޙާގައި އެކުލަވާލި ސޫރިޔާގެ އިދިކޮޅު ކޯލިޝަންގައި ސޫރިޔާގެ އިދިކޮޅު ހުރިހާ ފަރާތްތަކަކާއި އެޤައުމުގެ ހުރިހާ ދީންތަކަކާއި މަޒްހަބްތަކަކާއި ނަސްލުތަކަށް ނިސްބަތްވާ މީހުން ހިމެނޭކަމާއި އެކޯލިޝަނަށް އެފަރާތްތަކުގެ ތާއީދު އޮތްމިންވަރު ބެލުމަށް ވަގުތު ބޭނުންވާކަމުގަ އެވެ.

ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވެރިޔާ ކެތިރިން އެޝްޓަން ވެސް ވަނީ ސޫރިޔާގެ އިދިކޮޅު ކޯލިޝަނަށް މަރްޙަބާ ވިދާޅުވެފަ އެވެ. ނަމަވެސް އެ ކޯލިޝަނަށް ޔޫރަޕްގެ އިއްތިޙާދުން އިއުތިރާފް ވުމަށް އޭނާ ފަސްޖެހިވަޑައިގެންނެވި އެވެ. ޖަރުމަނުގެ ޚާރިޖީ ވަޒީރު ގިޑޯވެސްޓަރވީލާ ވެސްވަނީ މިމޭރުމުން ވާހަކަ ދައްކަވައިަފަ އެވެ. (އަލްޖަޒީރާ)