ޕެރިސް (ނޮވެމްބަރ 14) : ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް ސޫރިޔާގެ އިދިކޮޅު ފަރާތްތައް ގުޅިގެން އުފައްދާފައިވާ އިދިކޮޅު ނެޝަނަލް ކޯލިޝަން އަކީ އެޤައުމުގެ ރައްޔިތުން ތަމްސީލްކުރާ ހަމައެކަނި ފަރާތްކަމަށް ފަރަންސޭސިވިލާތުން އިއުތިރާފްވެއްޖެ އެވެ.

މިކަން ހާމަކުރައްވާފައިވަނީ ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންޑް އެވެ. އޮލާންޑް ވިދާޅުވީ ސޫރިޔާގެ އިދިކޮޅު ނެޝަނަލް ކޯލިޝަން އަކީ އެޤައުމުގެ ރައްޔިތުން ތަމްސީލްކުރާ ހަމައެކަނި ފަރާތްކަމަށް ފަރަންސޭސިވިލާތް ގަބޫލުކުރާ ކަމަށާ އެކޯލިޝަނުން ސޫރިޔާގައި އެކުލަވާލާ ވަގުތީ ސަރުކާރުވެސް ފަރަންސޭސިވިލާތުން ބަލައިގަންނާނެ ކަމުގައެވެ. ފަރަންސޭސިވިލާތަކީ، ސޫރިޔާގެ ރައްޔިތުން ތަމްސީލްކުރާ ފަރާތަކީ ރައީސް ބައްޝާރުލް އަސަދްގެ ސަރުކާރުގެ ބަދަލުގައި އިދިކޮޅު ކޯލިޝަން ކަމަށް ގަަބޫލުކުރި ހުޅަނގުގެ ފުރަތަމަ ޤައުމެވެ.

ފަރަންސޭސި ރައީސް ގެ ވާހަކަފުޅުގައި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރުފޯރުކޮށްދިނުުމާމެދުވެސް އެޤައުމުން ވިސްނަމުންދާކަަމަށް ވިދާޅުވިއެވެ. ސޫރިޔާގެ އިދިކޮޅު ފަރާތްތައް ގުޅިގެން ނެޝަނަލް ކޯލިޝަނެއް އުފައްދާފައިވަނީ އެފަރާތްތަކުން ދަވްޙާގައި ދާދިފަހުން ބޭއްވި މަހާސިންތާއެއް ގައެވެ. ފަރަންސޭސިވިލާތުން ސޫރިޔާގެ އިދިކޮޅު ކޯލިޝަނަށް އިއުތިރާފްވީ އެކަމަށްއެދި އެކޯލިޝަން ވެރިޔާ މުޢާޛުލްޚަތީބް ޔޫރަޕްގެ ޤައުމުތަކަށް ގޮވާލައްވާފައިވަނިކޮށެވެ. އިސްލާމީ ޢިލްމުވެރިއެއް ކަމަށްވާ އަލްޚަތީބް ވަނީ ރައީސް ބައްޝާރުލްއަސަދްގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދިނުމަށްވެސް ޢަރަބި ޤައުމުތަކަށާއި ޔޫރަޕްގެ ޤައުމުތަކަށާއި އެމެރިކާއަށް ގޮވާލައްވާފަ އެވެ.

ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ހަތިޔާރު ފޯރުކޮށްދިނުމަށް ހުޅަނގުގެ ޤައުމުތަކުން ނިންމައިފިނަމަ އެޤައުމުގައި ހިނގަމުންދާ އަހްލީ ހަނގުރާމަ އިތުރަށް ވަރުގަދަވެ ލޭއޮހޮރުވުންތައް ގިނަވެގެންދާނެކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. ސޫރިޔާގެ ސަރުކާރަށް ކުރިން ހަތިޔާރު ފޯރުކޮށްދެމުން ގެންދިޔަ ރަޝިޔާއިންވަނީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ހަތިޔާރު ފޯރުކޮށްނުދިނުމަށާ މިކަން ކޮށްފިނަމަ ނަތީޖާ ވަރަށް ގޯސްވާނެ ކަމުގެ އިންޒާރު ހުޅަނގުގެ ޤައުމުތަކަށް ދީފަ އެވެ. (އަލްޖަޒީރާ)