18 Sep 2010, 18:53
ހަގީގަތް ގަބޫލު ކުރަން ޖެހޭނެ ކަމަށާއި ރިއްސާ ދަތެއް ހުރި ނަމަ ރަނގަޅުވާނީ އަވަހަށް ފަރުވާ ދީގެން ކަމަށް އުއްތަމަ ފަނޑިޔާރު އުސްތާޒު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓްގެ ދެވަނަ އަހަރީ ދުވަސް ފާހަގަ ކުރަން މިރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޯޓުތަކާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ދެމެދު ވަރަށް ބޮޑު "އުދާސްގަނޑެއް" އެބަ އޮތް ކަމަށާއި އެ ހަގީގަތް ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ.
"އެ ޓެންޝަން (އުދާސްތައް) ކުޑަ ކުރަން ޖެހޭ. ރިއްސާ ދަތެއް ހުރިޔާ އެ ދަތުގެ ވާހަކަ ނުދައްކާ ފަރުވާއެއް ނުދެވޭނެ. ކޯޓްތަކާއި ޑިޕާޓްމަންޓާ ދެމެދު އެބައޮތް ޓެންޝަން، (އުދާސްތައް) އެ ޓެންޝަން ކުޑަކުރުމުގެ ވިސްނުން ގެންގުޅެން ޖެހޭ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސައްކަތްތައް ދެފުށް ފެންނަ ގޮތަށް ރޭވިގެން ދާ ނަމަ ކޯޓްތަކާއި ޑިޕާޓްމެންޓާ ދެމެދު އޮންނަ އުދާސްތައް ކުޑަވާނެ ކަމަށް އިޝާރާތް ކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ކޯޓްތަކާ ގުޅުން ބަދަހިވާން ޖެހޭ ކަމަށާއި އެ ޑިޕާޓްމަންޓް އުފެދުމުގެ ތަސައްވުރަކީ ވެސް ކޯޓްތަކަށް ހިދުމަތް ކުރުން ކަމަށެވެ. ހުރިހާ ކޯޓްތަކުގެ އިދާރީ އޮނިގަނޑު އެއް އުސޫލަކުން އެއް ވިސްނުމަކުން އެއް ފުރާޅެއްގެ ދަށުން ގެންދިއުމުގެ ވިސްނުމުގައި އެ މަގުސަދު ހާސިލުވާ ގޮތަށް ކަންކަން ބައްޓަން ވާން ޖެހޭ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިހާރު ސުޕްރީމް ކޯޓުގައި އޮތް ބެންޗާ އެކު މަސައްކަތް ކުރައްވަން ލިބިވަޑައި ގަތުމުން އެމަނިކުފާނު އުފާފުޅު ކުރައްވާ ކަމަށާއި ގާނޫނު އަސާސީ އާއި ގާނޫނުތަކުގައިވާ ގޮތުގެ މަތިން ދިވެހި ރައްޔިތުންނަށް އަދުލާއި އިންސާފުގެ މަގުން ފޯރުކޮށްދޭން ޖެހޭ އެންމެހާ ކަންކަން ފޯރުކޮށްދޭން ތައްޔާރަށް ހުންނެވި ކަމަށެވެ. ޖުޑިޝަރީގެ ބެލެނިވެރި ފަރާތަކީ ސުޕްރީމް ކޯޓަށްވާތީ އެ އެބެލެނިވެރިކަން ނެގެހެއްޓުމުގެ އަޒުމުގައި ހުންނެވި ކަމަށް ވެސް އުއްތަމް ފަނޑިޔާރު ވިދާޅުވި އެވެ.