އަންލިމިޓެޑްކޮށް މޯބައިލް އިންޓަނެޓް ބޭނުންކުރެވޭ ޕެކޭޖަކާއި ބޮޑު ޑޭޓާ އެލަވަންސެއް ލިބޭ ޕެކޭޖެއް ދިރާގުން ތައާރަފްކޮށްފި އެވެ. މިއީ މިފަދަ ދެ ޕެކޭޖެއް ރާއްޖެއަށް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.

އެ ދެ ޕްރޮޑްކްޓް ތައާރަފްކުރުމަށް ދިރާގުގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ މޯބައިލް ޕްރޮޑަކްޓް މެނޭޖާ އަފްސަލް ލަތީފް ވިދާޅުވީ އަލަށް ތައާރަފްކުރި ދެ ޕެކޭޖުގެ ތެރެއިން "ޑައިވް ޕްލަސް" އިން ކޮންމެ މަހަކު 690ރ. މަހުފީއަކަށް ދެއްކުމުން ހަތް ޖީބީ އިންޓަނެޓް ލިބޭނެ ކަމަށާއި އަދި "އަންލިމިޓެޑް" ޕެކޭޖުން 790ރ. މަހު ފީގެގޮތުގައި ދެއްކުމުން އަންލިމިޓެޑް އިންޓަނެޓްގެ ހިދުމަތް ބިލަށް ބަދަލެއް ނައިސް ލިބޭނެ ކަމަށެވެ.

"ކަސްޓަމަރުންގެ ލީޑެއް ވަރަށް ބޮޑަށް އޮތްކަމަށް އަޅުގަނޑުމެނަށް ފާހަގަ ކުރެވިއްޖެ ބޮޑު އެލަވަންސެއް އޮތް ޕެކޭޖަކަށް އެއީ ހަތް ޖީބީގެ ޕެކޭޖް އަދި އެއަށްވުރެ ހެވީ ޔޫސާޖަށް އަންލިމިޓެޑް ޕެކޭޖަށް ފިކްސްޑް މަންތްލީ ފީއެއް ދައްކައިގެން އިތުރު ޗާޖަކާނުލައި އަންލިމިޓެޑް ޕެކޭޖް ލިބޭނެ،" އަފްސަލް ވިދާޅުވި އެވެ.

އެބައްދަލުވުމުގައި ދިރާގުގެ މާކެޓިން އެންޑް ޕީއާރް، އިބްރާހިމް އިމްޖާދް ޖަލީލް ވިދާޅުވީ އަލަށް ތައާރަފް ކުރެވުނު ދެ ޕެކޭޖުންވެސް ހަލުވި ސްފީޑްގައި ދިރާގުގެ 3 - ޖީ ނެޓްވޯކު މެދުވެރިކޮށް އިންޓަނެޓް ލިބޭނެ ކަމަށާއި އަދި ދިރާގުގެ 3ޖީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށެވެ.

ދިރާގުން މޯބައިލް އިންޓަނެޓް ދެ ޕެކޭޖް ތައާރަފްކޮށްފައިވާއިރު އެ ކުންފުނިން މިހާރުވެސް އަންނަނީ މަހަކު 160ރ. މަހުފީ ދައްކައިގެން އެއް ޖީބީ ލިބޭ ޑްރޯމް ޕެކޭޖުގެ އިތުރުން 250ރ. މަހު ފީއަށް ދައްކައިގެން ދެ ޖީބީ ލިބޭ ޑިސްކަވާ ޕެކޭޖުގެ އިތުރުން 449ރ. މަހު ފީއެއްގެގޮތުގައި ދައްކައިގެން ހަތަރު ޖީބީ ލިބޭ ޑައިވް ޕެކޭޖުގެ ހިދުމަތް ދެމުންނެވެ.