ރާއްޖެ މަޝްހޫރު ވަނީ އެއްބައިވަންތަ ރައްޔިތެއް ދިރިއުޅެމުން އައި ސުލްހަ ވެރި ގައުމެއްގެ ގޮތުގަ އެވެ. ނަމަވެސް މިއަދު އެ ހާލަތު ބަދަލުވެއްޖެ އެވެ. ޒަމާނީ އޮއިވަރުތަކާ އެކު ޒުވާނުންގެ އަހުލާގީ މިންގަނޑުން ބޭރުވެ ގާނޫނާއި ގަވާއިދުގެ އިންވެސް ފަހަނަ އަޅައި ގޮސް އުޅެމުން ދަނީ ހިތުހުރި ގޮތަކަށެވެ. ޓެކުމާއި ފޭރުން އާއްމު ވެއްޖެ އެވެ. ޖިންސީ އަމަލުތަކާއި މާރާމާރީ ވަނީ ހައްދުން ނައްޓާފަ އެވެ. އިޖްތިމާއީ މައްސަލަތައް ހައްލުނުވެ ދުވަހެއް ދުވަހަކަށް އަންނަނީ ގޯސްވަމުންނެވެ. އިޖްތިމާއީ މައްސަލަތަކަށް އޮތް ހައްލަކީ ކޮބައިބާ އެވެ؟

ސައިކޮލިޖިކަލް އެސޯސިއޭޝަންގެ ފައުންޑާ މެންބަރު އަދި ރައީސާ ޑރ. އައިޝަތު އަލީ ނާޒް ވިދާޅުވީ ރާއްޖޭގެ އިޖްތިމާއީ ފޭރާން ހަލާކުކޮށް ޒުވާނުން ލައްވައި މާރާމާރީ ހިންގަން މަސައްކުރާ އަދި އެކަމަށް ހިތްވަރުދޭ އިސްފަރާތްތަކެއް ފޮރުވިގެން ތިބި ކަމަށެވެ. އެ ނެޓްވޯކް މުޅިން ނައްތާލައިގެން ނޫނީ ގައުމު އަމާން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މުޖުތަމައު އަލުން ޓްރެއިންކުރަން ޖެހިފައިވާ ކަމަށެވެ. އެ މަސައްކަތް ކުރަންތިބި ފަރާތްތަކުގެ އަޚްލާގީ މިންގަނޑު ވެސް ރަނގަޅު ކުރަން ޖެހޭ ކަމަށް ނާޒް ވިދާޅުވި އެވެ. ނާޒް ވިދާޅުވީ ދަރިން ތަރުބިއްޔަތުކޮށް އަންނަން އޮތް ޖީލުވެސް ސަލާމަތް ކުރެވޭތޯ މަސައްކަތްކުރަންޖެހިފައިވާ ކަމަށެވެ.

"އެކުދިން ލައްވާ އެކަން ކުރުވާ ބަޔަކު އެބަތިބި ފޮރުވިގެން. އެއީ ކޮންބައެއް ކަމެއް އަޅުގަނޑަކަށް ނޭނގެ. އެހެންވީމާ އަޅުގަނޑު ދަންނަވާނި އެމީހުން މުޖުތަމައު އިތުރަށް ފަސާދަކުރަން މަސައްކަތް ނުކުރާށޭ. ހުރިހާ ދާއިރާއެއްގައި އަޅުގަނޑުމެންގެ އަޚްލާގާއި ސުލޫކީ މިންގަނޑު އޮތީ ވަރަށް ދަށުދަރަޖައިގައި. ދަރިފުޅު ކިޔަވަން ފޮނުވާ އިރު ވެސް އެއީ ކޮންތަނެއްތޯ، ޓީޗަރަކީ ކުށުގެ ރެކޯޑު އޮތް މީހެއްތޯ. ކުރިން ކުޑަކުއްޖަކާ ބެހިފައި ހުރި މީހެއްތޯ. އެތަނުގައި އިންނަނީ ހަމައެކަނި ފިރިހެން ސޯ އެއްތޯ އަންހެން ސޯ އެއްތޯ. އެތަން ބަލާ މޮނީޓާ ކުރެވޭނެ ގޮތެއް އޮތްތޯ. އެކަން ޔަގީން ކޮށްފަ ނޫނީ ދަރިފުޅު ފޮނުވައިގެން ނުވާނެ. އެ ހާލަތުގަ ގައުމު މި އޮތީ،" ނާޒް ވިދާޅުވި އެވެ.

ނާޒް ގެ ވާހަކަތަކަށް ދެބަސްވެވޭކަށް ނެތެވެ. ޒުވާނުން ކުއްތަކަށް ޝާމިލްކުރުވާ ބަޔަކުތިބީ އެވެ. ފަރުދާގެ ފުރަގަހުގައި އެ މީހުން ތިބީއިރު އެ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެވޭކަށްވެސް ނެތެވެ. ޒުވާނުން ކުއްކުރުވުމަށް ބާރުއަޅަނީ ވިޔަފާރިވެރިންނާއި ސިޔާސީ މީހުން ކަމަށް ނުބުނެވޭނެ ޖާގައެއްނެތެވެ. ސިޔާސީ ފަރާތްތަކުގެ ހިމާޔަތުގައި ގޭންގު ގްރޫޕްތައް ހަރަކާތްތެރި ވާތަން ފެނެ އެވެ. އެ ބޭފުޅުން ރައްރަށައް ކުރައްވާ ދަތުރު ތަކާއި ތަންތަނަށް ވަޑައިގަންނަވާއިރު އަރިހުގައި ތިބެނީ މިބުނާ ގޭންގްތަކެވެ.

ނާޒު މިހާރު ކުރައްވާ ދިރާސާ އެއްގެ އަލީގައި ވިދާޅުވީ އެ ފަރާތްތަށް "މުލުން ލުހެލައިގެން" ނޫނީ ރާއްޖޭގެ ކުށުގެ ވެށި ސާފު ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ކުއްތަކަށް އަރައިގަންނަ ގިނަ ކުދިންނަކީ ނަފްސާނީ އެތައް އަނިޔާތަކެއް ހަޔާތުގެ ކޮންމެވެސް ހިސާބަކުން ލިބިފައި ތިބި ކުދިން ކަމަށެވެ. އޭގެ ތެރޭގައި މާރާމާރީ އާއި އަނިޔާ ލިބިފައި ތިބި ކުދިން ވެސް ހިމެނެ އެވެ. ނާޒް ވިދާޅުވީ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ނޫން ގޮތަކަށް އެ މައްސަލަތައް ހައްލު ނެތް ކަމަށެވެ.

"މި މައްސަލަ އަށް ދާއިމީ ހައްލެއް ހޯދަން އެބަޖެހޭ ވިސްނަން. އަޅުގަނޑުގެ ދިރާސާ އިން ދައްކާ ގޮތުން ގިނަ ކުދިންނަކީ ނަފްސާނީ އެތައް އަނިޔާއެއް ލިބިފަ ތިބި ކުދިން. އެ ކުދިން އެހެން މީހުންނަށް އަނިޔާ ކުރަމުންދާ އިރު އެ ކުދިންނަކީ ވެސް އަނިޔާ ލިބިފައި ތިބި ކުދިން. އޭގެ ތެރެއިން ކިތަންމެ ކުދިންނެއް އިއްޔެ ވެސް މިއަދުވެސް މިތަނަށް އައިސް އަޅުގަނޑު ކުރިމަތީ އިނދެ ރޮއިފައި އާދޭސްކުރި އެކުދިން ދިރި އުޅުމެއް ބިނާކުރަން ބޭނުން ވެގެން. އެހެންވީމާ އެ ކުދިންނަށް އެހީތެރިކަން ފޯރު ކޮށް ނުދީ، އެމީހުން ބިނާ ކުރެވޭނެ ޕްރޮގްރާމްތަކަކާއި ނުލައި އަޅުގަނޑަކަށް ނުފެނޭ މިކަން ހައްލު ކުރެވޭނެ ގޮތެއް. ސީދާ ގޭންގްތަކަށް އަމާޒު ކޮށްގެން ޕްރޮގްރާމްތައް ހިންގަން ޖެހޭ. ޕޮލިހުންނާއި މި މާރާމާރީ ހިންގާ ކުދިންނާ ޑައިލޮގަކަށް ދާން އެބަޖެހޭ. އަޅުގަނޑު އުއްމީދު ވެސް ކުރަނީ އެ ޑައިލޮގްވެސް ހިނަގަމުންދާނެ ކަމަށް،" ނާޒު ވިދާޅުވި އެވެ.

ކުރިއަރަމުން އަންނަ މުޖުތަމައު ތަކުގައި ވެސް ކުށްވެރިން އިސްލާހުކޮށް އެ ފަރާތްތަށް މުޖުތަމައު އަށް އަހުލުވެރި ކުރުވުމަށް ޕްރޮގްރާމް ތަށް ހިންގަ އެވެ. ރަނގަޅު ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަ އެވެ. މަސައްކަތް ދަސްކޮށްދީ ގައުމަށް ބޭނުންތެރި ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވެ އެވެ. އަދި އެފަދަ ޕްރޮގްރާމްތަކުގެ ތެރެއިން މިނިވަން ކުރާ ކުށްވެރިން ދެވަނަ ފަހަރަށް ކުށަށް އަރައި ގަންނަ ނިސްބަތް މަދުކަން ވެސް ދިރާސާތަކުން ދައްކަ އެވެ.

ރަށުތެރެ އަމާންވި ނަމަވެސް މުޖުތަމައު އަށް ނުރައްކާތެރި އެތައް ބަޔަކު މިނިވަންކަމާ އެކު އުޅެމުންދާ ތަންވެސް ފެނެ އެވެ. އެމީހުންގެ ފަރާތުން ހަމަލާއެއް ރައްދުވާނީ ކާކަށް ކޮން ވަގުތަކު ކަމެއް ނޭނގެ އެވެ. ޔަގީނުން ވެސް އެނގޭ ކަމަކީ ކޮންމެ ކަމެއް ކުރަންވެސް ފަސް ނުޖެހޭނެ ކަމެވެ. ވަގުތު ޖެހުމުން އެކަމެއްކޮށް ނިންމާލާނެ އެވެ. ގައުމުގެ ހާލަތާ މެދު ފުންކޮށް ވިސްނާ އަވަސް ފިޔަވަޅުތަކެއް ބޭނުންވެ އެވެ.