13 Nov 2012, 22:41
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތަކަށް އަމަލުކުރުމަށް އެ އިސްލާހުތައް އަންނަ އަހަރުގެ ބަޖެޓާ އެކު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދު ﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.
އައިއެމްއެފްގެ މިޝަންއިން ހުށަހެޅި ކަންކަމާ ގުޅޭ ގޮތުން ސަން އޮންލައިން އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން، މިނިސްޓަރު ޖިހާދު ވިދާޅުވީ އައިއެމްއެފްގެ ހުށަހެޅުންތައް ތަންފީޒު ކުރުމަކީ މިހާރުން މިހާރަށް ވެސް ވަރަށް ބޭނުންތެރި ކަމެއް ކަމަށާއި ނަމަވެސް އޭގެ ތެރެއިން ގިނަ ހުށަހެޅުންތަކަކީ މަޖިލީހުން ފާސްކޮށްގެން ނިންމަން ޖެހޭ ނިންމުންތަކެއް ކަމަށެވެ.
"އެ ނިންމުންތަކަށް އަމަލުކުރެވެން އަންނަނީ މަޖިލީހުގެ ތެރެއިން. އެހެންވެ އަޅުގަނޑުމެން އެ ހުށަހެޅުންތައް ފޮނުވާނަން ބަޖެޓާ އެކު މަޖިލީހަށް އެބޭފުޅުން އެކަންތައްތައް ނިންމެވުމަށް،" ޖިހާދު ވިދާޅުވި އެވެ.
ނަމަވެސް ބަޖެޓާ އެކު ފޮނުވަނީ ކޮން އިސްލާހުތަކެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
އައިއެމްއެފްގެ މިޝަންއިން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ޓޫރިޒަމް ޓެކްސް ބޮޑުކުރުމާއި ރިސޯޓްތަކަށް ޑޮލަރު މާރު ކުރެވޭ އަދަދު ހަނިކުރުމާއި އަދި އިމްޕޯޓް ޑިއުޓީ އިއާދަކުރުން ހިމެނެ އެވެ. އެ ނިންމުންތަކަކީ މަޖިލީހުން ފާސްކުރަން ޖެހޭ ނިންމުންތަކެކެވެ. އަދިވެސް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ސިވިލްސާވިސް ކުޑަކުރުމާއި ސަބްސިޑީތައް ކޮންޓްރޯލް ކުރުން ހިމެނެ އެވެ. އޭގެ ތެރޭގައި ކަރަންޓާއި ކާޑުގެ ބާވަތްތަކަށް ދޫކުރާ ސަބްސިޑީ ކޮންޓްރޯލް ކުރަން ވަނީ ހުށަހަޅައިފަ އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހެޅުން އޮންނާނީ މި މަހުގެ ފަހުކޮޅު އެވެ.