13 Nov 2012, 22:18
ވޮޝިންޓަން (ނޮވެމްބަރ 13): އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމަށާއި އިންސާނީ ޙައްގުުތަކަށް އަރައިނުގަތުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަށް ހަނދާންކޮށްދީފި އެވެ.
އެމެރިކާގައި ހުންނަ އެމްނެސްޓީގެ ގޮފީގެ އެގްޒެކެޓިވް ޑައިރެކްޓަރު ސޫޒާން ނުސެލް، އިންސާނީ ޙައްގުުތަކަށް އަރައިނުގަތުމަށް އޮބާމާ އަށް ހަނދާން ކޮށްދެއްވަމުން ވިދާޅުވީ އޮބާމާގެ ފުރަތަމަ ދައުރުގައި ފުޅާދާއިރާއެއްގައި އެމެރިކާ ސަރުކާރުން އިންސާނީ ޙައްގުތަކަށް އަރައިގެންފައިވާ ކަމަށާއި ދެވަނަ ދައުރުގައި މިކަން މިގޮތަށް ނުކޮށް އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރުމަށް އޮބާމާ އަށް ހަނދާންކޮށްދޭ ކަމުގަ އެވެ. އެމެރިކާ އިންސާނީ ހައްގުތަކަށް އަރައިގަންނަމުން ގެންދަނީ ގައުމީ ސަލާމަތް ހިމާޔަތްކުރުމުގެ ނަމުގައާއި ޓެރަރިޒަމާ ހަނގުރާމަކުރުން ބަހަަނާއަކަށް ހަދައިގެންނެވެ.
އޮބާމާގެ ފުރަތަމަ ދައުރުގައި އިންސާނީ ހައްގުތަކަށް އެންމެ ބޮޑަށް އަރައިގެންފައި ވަނީ ޕައިލެޓަކާނުލާ ދަތުރުކުރާ މަތިންދާބޯޓު ބޭނުންކޮށްގެން ހަނގުރާމަ ވެރިންނާއި އާންމުން ގިނަ ޢަދަދަކަށް މަރައިގެންނެވެ. މިހަމަލާތަކުގެ ޝިކާރައަކަށް އެންމެ ގިނައިން ވެފައި ވަނީ ޕާކިސްތާނުގެ ފަގީރު ސަރަހައްދުތަކުގެ ނިކަމެތި އާއިލާތަކުގެ މީހުންނާއި އެމެރިކާއާ އިދިކޮޅު ޚިޔާލުގެންގުޅޭ ޕާކިސްތާން ހަނގުރާމަވެރިންނެވެ. ޕައިލެޓަކާނުލާ ދަތުރުކުރާ މަތިންދާބޯޓު ބޭނުންކޮށްގެން މީހުން މެރުމަކީ ބައިނަލްއަޤްވާމީ ގާނޫނުގައި ޝަރީއަތަކާނުލާ މީހުން މެރުމުގެ ގޮތުގައި ބެލެވޭނެ އަމަލެއްކަމަށް ސޫޒާން ނުސެލް އޮބާމާ އަށް ހަނދާންކޮށް ދެއްވި އެވެ. މިއީ އޮބާމާ އާއި އެމެރިކާގެ ޢަސްކަރީ މަސްއޫލުވެރިން ގެ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ހާޒިރުކޮށް ޝަރީޢަތް ހިންގަންޖެހޭ ފަދަ މައްސަލައަކަށް ވެދާނެ ކަމަށް ޤަނޫނީ ތަޖްރިބާކާރުން ދެކެ އެވެ.
މީގެއިތުން ގުއަންޓެނާމާ ޖަލުގައި ގައިދީންނާ އެމެރިކާ ހިންގަމުންގެންދާ އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި ޢަމަލުތައް އޮބާމާގެެ ފުރަތަމަ ދައުރުގައި ހުއްޓުމަކަށް އައިސްފައިނުވާ މައްސަލައާއި އެޖަލު ބަންދުކުރުމަށް އޮބާމާ ވެފައިވާ ވައުދު އޭނާގެ ރިިޔާސީ ފުރަތަމަ ދައުރުގައި ފުއްދިފައިނުވާކަން ވެސް ސޫޒާން ފާހަގަ ކުރެއްވި އެވެ. ގުއަންޓެނާމާ ޖަލަކީ އެއްވެސް ޝަރީޢަތަކާނުލައި މުސްލިމުންގެ އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްގެން އެމެރިކާ ގެންގުޅޭ ޖަލެކެވެ. މީގެއިތުރުން އަފްޣާނިސްތާނުގެ އާންމުންނާ ދެކޮޅަށް އެމެރިކާ ސިފައިން ހިންގަމުން ގެންދާ އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި އަމަލުތައް ހުއްޓުމަކަށް ނާންނަކަން ވެސް ސުޒާން ފާހަގަ ކުރައްވާފައިވެ އެވެ. (އަލްޖަޒީރާ)