13 Nov 2012, 22:00
ހުޅުމާލޭ ކޯޓުގެ މައްސަލަ ސްޕްރީމް ކޯޓުން ބަލަމުންދާތީ، ކޯޓްގައި ހިނގަމުންދާ މައްސަލައެއް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، ހުޅުމާލޭ ކޯޓް އުފެއްދެވި ގޮތާ ބެހޭ ގޮތުން ޖަވާބުދާރީވުމަށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) ދެކޮޅު ހަދައިފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ޖޭއެސްސީ ހާޒިރު ކުރުމަށްފަހު، މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަތުމުގެ ކުރިން މައްސަލާއާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެެވުމަށް ޖޭއެސްސީގެ ރައީސް އާދަމް މުހަންމަށް އަށް ފުރުސަތު ދެއްވުމުން އޭނާ ވިދާޅުވީ އޮކްޓޯބަރު 18، 2010 ގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރެއްގައި މިބާވަތުގެ މައްސަލަތަކުގައި އަމަލު ކުރާނެ ގޮތެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ޝަރުއީ ނިޒާމަކީ މިނިވަން ނިޒާމަކަށް ވެފައި ކޯޓުތަކުގެ މިނިވަންކަމާއި ރައްކާތެރިކަން ހިމާޔަތްކުރުމަކީ ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައް ހިންގުމާއި ހަވާލުވެ ތިއްބެވި އެންމެހައި މީހުންގެ މައްޗަށް ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ރ) އިން ލާޒިމް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ކަމެއް ހަވާލުވެ ހުރި މީހަކު ވިޔަސް އަމިއްލަ ފަރުދަކު ވިޔަސް ފަނޑިޔާރުގެ މަސައްކަތާއި ބެހި ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ކަމަށެވެ. އަދި ހުޅުމާލޭ ކޯޓުގެ މައްސަލައަކީ ސުޕްރީމް ކޯޓަށް ފައިލް ކޮށްފައިވާ މައްސަލައަކަށް ވެފައި، ޝަރީއަތުން އެ މައްސަލައިގައި ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި އެ މައްސަލައާ ގުޅޭގޮތުން ބަހުސް ކުރުމަކީ އެ މާއްދާގައި ބުނާފަދަ އަމަލަކަށް ވާތީ އެ މައުޟޫގައި ވާހަކަދެކެވެން ނެތްކަމަށް ވެސް އާދަމް މުހައްމަދު ވިދާޅުވި އެވެ.
މީގެ އިތުރުން ކޯޓުތަކާއި ބެހޭ ގާނޫނުގެ 20 ވަނަ މާއްދާގެ (ށ) ގައި ބުނާގޮތުން މައްސަލައެއްގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކަށް ރައްޔިތުންގެ މަޖިލީހުންނާއި މިނިވަން މުއައްސަސާތަކުން އަމަލު ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައްދުގައި ކޮމެޓީގެ މުގައްރިރު ނަޝީދު ވިދާޅުވީ އޮކްޓޯބަރު 18، 2010 ގައި ސުޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ އަމުރަކީ މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހުގައި ކުރަން އުޅުނު ކަމަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުގައި މައްސަލަ އޮތުމުން ނެރެފައިވާ އަމުރެއް ކަމަށާއި އެ އަމުރަކީ އެއީ އެ މައްސަލައަށް ޚާއްސަކޮށް ނެރެފައިވާ އަމުރެއް ކަމަށެވެ. އަދި އެއަމުރު ނެރުމުގައި ފާހަގަކޮށްފައިވާ އޮޕީނިއަންތަކަކީ އެ ކޮމެޓީން އަމަލު ކުރުން ލާޒިމް އެއްޗެއް ނޫންކަމަށް ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ހުޅުމާލޭ ކޯޓުގެ މައްސަލައާ ގުޅިގެން އެއްވެސް ބަހުސްއެއް ނުކުރުމަށް ސުޕްރީމް ކޯޓުން އެއްވެސް ރޫލިން އެެއް ނެރެފައި ނުވާކަމަށެވެ.
"އެއީ އަޅުގަނޑުމެން މިކޮމެޓީގެ ސްޑޭންޑް. އަޅުގަނޑުމެންވެސް މަސައްކަތް މި ކުރަނީ ގާނޫނުގެ ތެރެއިން. އެ ސްޓޭންޑް ބަދަލެއް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް އާދަމް މުހަންމަދު އިތުރަށް އެ މައްސަލައިގައި ވާހަކަ ދައްކަވަން ފެއްޓެވުމުން ނަޝީދު ވަނީ ކޮމެޓީގެ މެންބަރުން ކުރައްވާ ސުވާލުތަކުގެ ތެރެއިން ޖަވާބު ނުދެވޭ ސުވާލުތަކަށް ޖަވާބުނުދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެ ހުށަހެޅުމަށްވެސް އިންކާރު ކުރައްވާ ފަދަ މޭރުމަކުން އާދަމް މުހަންމަދު ވާހަކަ ދައްކަވަން ފެއްޓެވުމުން ނަޝީދު ވަނީ ކޮމެޓީގެ ސްޓޭންޑް ތަކުރާރުކުރައްވައިފަ އެވެ.
ނަޝީދު ވިދާޅުވީ ކޮމެޓީން ކުރަމުންދާ ހުޅުމާލޭ ކޯޓްގެ މައްސަލަ ބަލުން ހުއްޓާލާނީ ސްޕްރީމް ކޯޓުން އަމުރެއް ކުރުމުން ކަމަށެވެ.
ޖޭއެސްސީގައި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ފަރާތުން އިންނަވައި، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް ވަނީ އެ ކޮމެޓީ ބައްދަލުވުމަށް ޖޭއެސްސީ ހާޒިރުކުރީ ކޮމެޓީގެ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ އަޑުގަދަ ކުރައްވާފަ އެވެ.
މައްސަލަ ހޫނުވެ ދެ ފަރާތުން ވެސް ކޮންމެވެސް ވަރަކަށް ބަހުގެ ހަމަލާތައް ރައްދުކޮށް ކޮމެޓީ ހޫނުވާން ފެށުމުން ނަޝީދު ކޮމެޓީ މެދުކަނޑާލެއްވީ ކޮމެޓީގެ މެންބަރުން އެ މައްސަލައިގައި މަޝްވަރާކުރެއްވުމަށް 10 މިނެޓް ދެއްވުމަށެވެ.
ނަމަވެސް އެވަގުތަށް ފަހުވެސް ކޮމެޓީ ފައްޓަވާ ކޮމެޓީގެ ސްޓޭންޑް ތަކުރާރުކުރެއްވުމަށް ފަހު ނަޝީދު އެއްސެވީ އެ މައްސަލައިގައި ޖޭއެސްސީން ނިންމި ގޮތަކީ ކޮބައިތޯ އައްސަވައިފަ އެވެ. އެއާ އެކު ޖޭއެސްސީގެ ރައީސް ވިދާޅުވީ ސްޕްރީމް ކޯޓުގައި އެ މައްސަލަ ކުރިއަށްދާތީ އެ މައްސަލައިގައި ބަހުސް ނުކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީގެ ރައީސް އެހެން ވިދާޅުވުމާއެކު، އެ މައްސަލާގައި ފަހުން ވަކިއެއްޗެއް ޖޭއެސްސީއަށް އަންގަވާނެ ކަމަށް ވިދާޅުވެ ނަޝީދު ކޮމެޓީ ނިންމަވާލެއްވި އެވެ.