13 Nov 2012, 21:13
އިމާރާތްތަކުގައި ސަލާމަތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ގާއިމު ކުރުމުގެ މަޝްރޫއެއް އެކުލަވާލަން ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.
މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައި މެންބަރުން މަޝްވަރާކުރެއްވުމަށް ފަހު ނިންމެވީ ރާއްޖޭގައި ކުރެވޭ އެކިއެކި ޢިމާރާތްތަކުގައި، ދުރު މުސްތަޤްބަލަށް ބަލައި، ސަލާމަތީ ރައްކާތެރިކަން ޤާއިމު ކުރުމުގެ މަޝްރޫޢެއް އެކުލަވާލުމަށް ހައުސިން މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ޑިފެންސާއި ހަވާލުކުރެއްވުމަށެވެ. އެގޮތުން އިމާރާތަކުގައި ސަލާމަތީގޮތުން ހުންނަންޖެހޭ މިންގަނޑުތައް އެ ދެ މިނިސްޓްރީން ކަނޑައަޅާނެ އެވެ.
މިއަދުގެ ބައްދަލުވުމުގައި ވަޒީރުން ދެއްކެވި ވާހަކަފުޅުގައި އާބާދީ ބޮޑު ރަށްރަށާއި ޞިނާޢީ ރަށްރަށުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ނިޒާމު ހަރުދަނާކުރުމުގެ މުހިންމުކަން މެންބަރުން ފާހަގަކުރެއްވި އެވެ. އަދި ހެދިފައި ހުރި އުސް ޢިމާރާތްތަކުގައި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، އެ ހާދިސާއަކުން މީހުން ސަލާމަތް ކުރުމަށް، ވަގުތުން ވަގުތަށް ކުރަންޖެހޭ ކަންތައްތައް ކަނޑައަޅައި، އެކަންތައްތައް ކުރުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަށްވެސް ވަޒީރުން ނިންމެވި އެވެ.