ދިވެހި ބަހުން ލިޔެފައި ހުރި އިސްލާމް ދީނާ ހިލާފް، ކްރިސްޓިއަން ދީނުގެ ފޮތްތަކެއް ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން މިދިޔަ ސެޕްޓެމްބަރު މަހު އަތުލައިގެތް ބަންގްލަދޭޝް މީހާއާ ބައިވެރިވި އެމެރިކާގެ ރައްޔިތަކު ރާއްޖެއަށް ނާދެވޭ ގޮތަށް ބްލެކް ލިސްޓްކޮށްފި އެވެ.

ކަސްޓަމްސް އިން ބުނީ އެމައްސަލައިގައި އެމެރިކާގެ ރައްޔިތެއް ކަމުގައިވާ ކެވިން ތޯމަސް ގްރީސަން ބްލެކް ލިސްޓްކުރީ އެފޮތްތައް ރާއްޖެ އެތެރެކުރަން އުޅުނު ބަންގްލަދޭޝްގެ ޖަތިސް ބިސްވާސް 44، އާ އެކު އެކަމުގައި ބައިވެރިވާ ކަމަށް އެކަށީގެންވާ ހެއްކާއި ގަރީނާ ފުލުހުންގެ ތަހުގީގަށް ލިބިފައިވާތީ ކަމަށެވެ.

މީގެ އިތުރުން އެފޮތްތައް ރާއްޖެއަށް އެތެރެކުރި ޖަތިސް ޑީޕޯޓްކޮށްފައިވާ ކަމަށާއި އޭނާ ޑީޕޯޓްކުރީ ދިވެހިންގެ ބަޔަކާއި ބައިވެރިވެގެން ރާއްޖޭގައި ޣައިރުދީން ފަތުރަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރެވި، އެމީހާގެ މައްޗަށް އެކަށީގެންވާ ހެއްކާއި ގަރީނާ ފުލުހުންގެ ތަހުގީގަށް ލިބިފައިވާތީ ކަމަށެެވެ.

މިދިޔަ ސެޕްޓެމްބަރު މަހު 27 ގައި ސްރީލަންކަން އެއާ ލައިންސްއިން މާލެ އައި ޖަތިސްގެ އަތުން ދިވެހި ބަހުން ލިޔެފައިވާ އެބާވަތުގެ 11 ފޮތް ފެނިފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ.