13 Nov 2012, 19:11
މަސްތުވާތަކެތި ރާއްޖެ އެތެރެކުރި އަންހެން ކުއްޖަކާއި އެތަކަތި އެތެރެކުރުމުގައި ބައިވެރިވި ފިރިހެން ކުއްޖަކު 16 އަހަރާއި އަށް މަސް ދުވަހަށް ޖަލަށް ލުމަށް ޖުވެނައިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ގެ އިތުރުން މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ ވެސް ފިރިހެން ކުއްޖާގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
ދައުލަތުން އަންހެން ކުއްޖާގެ މައްޗަށް ކުރި ދައުވާގައި ބުނަނީ ނޮވެމްބަރު 30، 2009 ވަނަ ދުވަހު ޓްރިވެންޑްރަމުން މާލެ އައި އިންޑިއަން އެއާލައިންސްގެ ފްލައިޓަކުން އެ އަންހެންކުއްޖާ އާ އިތުރު އަންހެނަކު މާލެ އައުމުން ކަސްޓަމްސްގެ އޮފިސަރުން އެ ދެ މީހުންގެ ފޮށިތައް ބަލައި ފާސްކުރި ކަމަށެވެ. އަދި ފޮށިތައް ބަލައި ފާސްކުރަމުން ދަނިކޮށް އަންހެން ކުއްޖާގެ ފޮށިތެރެއިން ފެނުނު އާ ދެ ބެޑްޝީޓެއްގެ ތެރޭގައި އޮތް ބޯ ކަރުދާސް ކޮޅެއްގެ ތެރެއިންނާއި އޭނާގެ ހަށިގަނޑުން ދޮޅު ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ވެސް ދައުލަތުގެ ދައުވާގައި ވެއެވެ. އޭނާގެ ހަށިގަނޑުގައި މަސްތުވާތަކެތި ހުރިކަން އެނގުނީ އޭނާ އަމިއްލައަށް ކަސްޓަމްސްގެ އޮފިސަރުން ގާތު އެގޮތަށް ބުނުމުން ކަމަށް ވެސް ދައުލަތުގެ ދައުވާގައި ވެއެވެ.
ޖުވެނައިލް ކޯޓުގެ ހުކުމްގައި ބުނަނީ ދައުލަތުން ކުރި ދައުވާ އަށް އެކުއްޖާ އިންކާރުކޮށްފައިވާއިރު އެ ހާދިސާ އަކީ ހިނގާފައިވާ ހާދިސާއެއްކަމަށް ބުނެ އަންހެން ކުއްޖާ ޝަރީއަތަށް ބަޔާންދީފައިވާ ކަމަށެވެ. އަދި އެކުއްޖާ އެގޮތަށް ބަޔާންދީފައި ވާތީ އިތުރު ކާފީހެކި ހުށަހަޅަން ބޭނުން ނުވާކަމަށް ދައުލަތުން ބުނެފައިވާ ކަމަށް ވެސް ޖުވެނައިލް ކޯޓުގެ ހުކުމްގައި ވެއެވެ.
ސުޕްރީމް ކޯޓުން 2008 ވަނަ އަހަރު ނިންމި ގަޒިއްޔާ އެއްގައި މީހެއްގެ އަތުގައި މަސްތުވާއެއްޗެއް ހުރުމަކީ "އިސްތިސްނާއެއް ނެތި، މުތުލަގު މަސްއޫލިއްޔަތު ގާނޫނީ ގޮތުން" އެމީހަކު ޒިންމާ އުފުލަން ޖެހޭ ކުށެއް ކަމަށް ބުނެފައިވާ ކަމަށް ވެސް ޖުވެނައިލް ކޯޓުގެ ހުކުމްގައި ވެއެވެ. އަދި މަސްތުވާތަކެތި އަތުގައި ހުރުމަކީ ކުށުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ގާނޫނީ ގަރީނާއެއްކަމަށް މަސްތުވާތަކެއްޗާ ބެހޭ ގުރީގެ ގާނޫނުގެ ދެވަނަ މާއްދާގެ(ށ) ގެ ސަރީހަ ނަސްއުން ކަނޑައެޅިގެން އެނގެން އޮންނަ ކަމަށް ވެސް ޖުވެނައިލް ކޯޓުގެ ހުކުމްގައި ވެއެވެ.
އެ ހުކުމްގައި ބުނަނީ އެކުއްޖާގެ ހަށިގަނޑުންނާއި ފޮށިން ފެނުނު ތަކެއްޗަކީ "ޓެޓްރާ ހައިޑްރޯލް ކެނަބިނޯލް" އާއި "ކެނަބިނޯލް" ކަމަށް ތަހުލީލު ރިޕޯޓުން އެނގޭއިރު އެ ރިޕޯޓަކީ ސައްޚަ ރިޕޯޓެއްކަމަށް ފުލުހަކު ހެކިބަސްދީފައިވާ ކަމަށެވެ. އެހެންކަމުން އެކުއްޖާ ޝަރީއަތަށް ދީފައިވާ ބަޔާނަކީ ސައްޚަ އިއުތިރާފެއްކަމަށް ބަލައި އޭގެއިތުރަށް ހުށަހެޅިފައިވާ ގަރީނާތަކާއި އެ އާއި ގުޅުވުމުން އެކުއްޖާގެ މައްޗަށް އެކުށް ސާބިތުވާކަމަށް ވެސް ޖުވެނައިލް ކޯޓުގެ ހުކުމްގައި ވެއެވެ.
ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ހާދިސާ ހިނގި އިރު އަމަލު ކުރަމުން ދިޔަ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މައްސަލަ ބަލަމުން ދަނިކޮށް މަސްތުވާތަކެއްޗާއި ބެހޭ އާ ގާނޫނު ވުޖޫދަށް އައިސް އަމަލު ކުރަން ފެށި ނަމަވެސް، ކުށެއް ކުރި އިރު އެކުށަކަށް ކަނޑައެޅިފައިވާ އަދަބަށް ވުރެ ބޮޑު އަދަބެއް އެމީހަކަށް ދީގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 59 ވަނަ މާއްދާ ގައި ބުނެފައިވާތީ، އަންހެން ކުއްޖާއާ ފިރިހެން ކުއްޖާ އަށް ވެސް އަދަބު ކަނޑައަޅާފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނުގެ ދަށުން ކަމަށެވެ.
މީގެއިތުރުން ހާދިސާ ހިނގި އިރު އެ ދެކުދިންނަކީ ވެސް 18 އަހަރު ނުފުރޭ ގާނޫނީ ގޮތުން ކުޑަކުއްޖަކަށް ވާތީ، އަދަބު ކަނޑައެޅުމުގައި"ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި ތަހުގީގުކޮށް އިންސާފުން އަދަބު ދިނުމުގައި އަމަލު ކުރާ ގަވާއިދަށް" ރިއާޔަތްކޮށްފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިރިހެން ކުއްޖާގެ މައްޗަށް މިއަދު ކުރި ހުކުމްގައި ބުނަނަނީ މާލެ އައިސް އެ ދެ އަންހެނުން ތިބި ގެސްޓް ހައުސްއަށް ގޮސް އެ ފިރިހެންކުއްޖާ މަސްތުވާތަކެތި އަޅާފައި ހުރި ބެޑްޝީޓާއި ހަވާލުވި ކަމަށާއި އެއީ އަންހެން ކުއްޖާ އެއްލާލަން ދިން އެއްޗެއް ކަމަށް އެކުއްޖާ ބުނެފައިވާކަމަށް ހެކީން ހެކިބަސް ދީފައިވާ ކަމަށް ވެސް ޖުވެނައިލް ކޯޓުގެ ހުކުމްގައި ވެއެވެ. އަދި އެ ކުއްޖާ ހައްޔަރުކޮށްފައި ހުރި މަންޒަރާއި ހައްޔަރުކޮށްފައި ހުރި ވަގުތު އޭނާގެ ކައިރިން މަސްތުވާތަކެތި އަޅާފައިވާ ކޮތަޅެއް ފެނިފައިވާކަމަށް ތިން ފުލުހަކު ހެކިބަސް ދީފައިވާ ކަމަށް ވެސް ޖުވެނައިލް ކޯޓުގެ ހުކުމްގައި ވެއެވެ.
ގެސްޓް ހައުސްއަށް ދިޔައީ ކިޑްނޭޕްކޮށްފައި ހުރި މީހަކު ސަލާމަތް ކުރުމަށް ކަމަށާއި އަދި އެ ގެސްޓް ހައުސްގެ ރޫމެއްގައި އިން އަންހެން ކުއްޖަކު ދިން ކޮތަޅެއްގައި ހިފީ އެއީ އޭނާއަށް ބަޔަކު ގެނެސްދިން ބާތްޑޭ ޕްރެޒެންޓެއްކަމަށް ހީކޮށްގެން ކަމަށް ފިރިހެން ކުއްޖާ ޝަރީއަތުގައި ބުނެފައިވާ ކަމަށް ވެސް ޖުވެނައިލް ކޯޓުގެ ހުކުމްގައި ވެއެވެ.
ޖުވެނައިލް ކޯޓުން ކުރި ހުކުމްގައި ބުނަނީ އެކުއްޖާ ގެސްޓް ހައުސް އަށް ދިޔުމުގަ އާއި އެތަނަށް ގޮސް އަމަލު ކުރި ގޮތަށް ބަލާއިރު، އެތަނަށް ދިޔަކަމަށް އޭނާ ބުނާ މަގުސަދާއި އަމަލާއި ދިމާނުވާކަމަށެެވެ.
ތަހުލީލު ރިޕޯޓުން އެނގޭ ގޮތުގައި ފިރިހެން ކުއްޖާގެ އަތުގައި އޮތް އެއް ބެޑްޝީޓެއްގެ ތެރެއިން ފެނިފައި ވަނީ 421.3145 ގްރާމް "ޓެޓްރާ ހައިޑްރޯ ކެނަބިނޯލް" އާއި 94.5593 ގްރާމް ކެނަބިނޯލް ކަމަށް ޖުވެނައިލް ކޯޓުގެ ހުކުމްގައި ވެއެވެ. އަދި ދެވަނަ ބެޑްޝީޓްގެ ތެރެއިން ފެނުނު ބޯކަރުދާސް ގަނޑެއްގެ ތެރޭގައި އޮތް ދެ ސެލޯފިން ގަނޑުގައި 371.6961 ގްރާމް "ޓެޓްރާ ހައިޑްރޯ ކެނަބިނޯލް" އާއި 87.1478 ގްރާމް "ކެނަބިނޯލް" ކަން ތަހުލީލު ރިޕޯޓުން އެނގޭ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.